ހުކުރު ނަމާދުގެ ބަދަލުގައި މާލެ ސަރަހައްދުގައި މާދަމާ ކުރާނީ މެންދުރު ނަމާދު!

އިސްލާމީ މަރުކަޒުގައި ކުރެވިގެން ދިޔަ ހުކުރު ނަމާދެއްގެ ތެރެއިން: ފޮޓޯ / އިސްލާމިކް މިނިސްޓްރީ

ކޮވިޑް19 އާ ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން މެދުކަނޑާލާފައިވާއިރު މާދަމާ މާލެ ސަރަހައްދުގައި ހުކުރު ނަމާދުގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހުކުރު ނަމާދާއި އީދު ނަމާދައި ކޭތަ ނަމާދާއި އިސްތިސްގާ ނަމާދު ފަދަ ޝިއާރުތައް ގާއިމުކުރުމަކީ ޝަރީއަތުގައި ހާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއް ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެމިނިސްޓްރީން ނެރެފައިވާ ސާކިއުލާގުޅިގެން މާލެ، ހުޅުމާލެ، ވިލިގިލީގައި ތިބި ރައްޔިތުން މާދަމާ ހުކުރު ނަމާދުގެ ބަދަލުގައި ކުރާނީ ހަަތަރު ރަކުއަތުގެ މެންދުރު ނަމާދު ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގައި އިއްޔެ ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އިއުލާން ކުރެއްވީ މިއަދު މެންދުރުނަމާދުން ފެށިގެން އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ އަސަރު ނަމާދާ ހަމައަށް، މާލެ ސިޓީގައި ހިމެނޭ ހުޅުމާލެ އާއި ވިލިމާލޭގައި ޖަމާއަތުގައި ފަރުޟު ނަމާދު ނުކުރުމަށާއި ހުކުރު ނުކުރަން އަންގާ ކަމަށެވެ. އެގޮތަށް އަމަލު ކުރަން ނިންމީ ދީނީ އިލްމުވެރިންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ހާލަތު ގޯސްވެގެން ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ރަށެއް ލޮކްޑައުންކޮށްފިނަމަ، ހަމަ އެ ރަށެއްގައި ވެސް އަމަލު ކުރަނީ އެ ހާލަތު ނިމެންދެން ހުކުރު ނަމާދާއި ފަރުޟު ނަމާދު މެދުކަނޑާލުމަށް،” އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުން އަންނާތީ ސަރުކާރުން އަންނަނީ ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެއް ހަފްތާއަށް ސަރުކާރު ބަންދު ކޮށްފައިވާއިރު އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އިއުލާން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.