ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގައި ގާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދުކުރަން އެޗްޕީއޭ އިން އަންގައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ މިއަދު ނެރުއްވި އެންގުމެއްގައި ބުނެފައިވަނީ މިރޭ ދަންވަރު 12:00 އިން ފެށިގެން ރިސޯޓުތަކުގައި ގާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް (ސެލޫންތަކުގައި ހިންގާ ސްޕާތައް ވެސް ހިމެނޭ) ބަންދުކުރަން އަންގާ ކަމަށެވެ.
މި ފިޔަވަޅު ތަންފީޒުކޮށް، އެ ފިޔަވަޅަށް ފުރިހަމަ އަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށް އަންގާ ކަމަށާއި އަދި މި އެންގުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާއި އަޅާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ވަނީ އަންގާފައެވެ.
މީގެއިތުރުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިރޭ ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ އެހެން ގައުމުތަކުން ފުރާ ޔޯޓާއި ސަފާރީ ފަދަ އުޅަނދުތައް ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 ފަރާތެކެވެ. އެއީ ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ބިދޭސީންނާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ފަތުރުވެރިންނެވެ. ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ އިޓަލީގެ ފަތުރުވެރިންނެވެ.