ޗެނަލް13 ގެ "މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން އަންގައިފި

ޗެނަލް13 އިން މީގެކުރިން ގެނެސްދިން މަޑިސީލަ ޕްރޮގްރާމުގެ ސްކްރީން ޝޮޓެއް --

ޗެނަލް13 އިން ކުރިޔަށް ގެންދާ "މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ޗެނަލް އަށް އަންގައިފިއެވެ.

ބްރޯޑްކޮމްއިން މި މައްސަލަ ބަލަން ފެށީ ދިވެހި ދައުލަތުން އާންމު ސިއްހަތުގެ ކުއްލި ނުރުއްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް އިން ހިންގަމުން އނަްނަ ޗެނަލް 13 އިން ކޮންމެ ރެއަކުވެސް ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމުގެ ރޭގެ ޕްރޮގްރާމުގައި ވިޑް 19 އާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ އެކަމުގެ ޝަކުވާ ލިބެން ފެށުމާއި ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަގިއްލު ތަހުގީގެއް އެ ކޮމިޝަނުން ކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް އިން ހިންގަމުން އަންނަ ޗެނަލް 13 އަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާނެ ކަމަށާއި އެގޮތުން ދިން ފުރުސަތުގައި "މަޑިސީލަ" ޕްރޮގްރާމުގައި އެވާހަކަތައް ދައްކާފައި ވަނީ މުއުތަބަރު ފަރާތަކުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް އެ ޗެނަލުން ބުނެފައިވެއެވެ.

އެހެންނަމަަވެސް ބްރޯޑްކޮމް އިން ބުނީ މި މަހުގެ 16ވަނަ ދުވަހު އެ ކޮމިޝަނުން ނެރެފައިވާ ސާކިއުލާގައި މިހާލަތުގައި މައުލޫމާތު ގެނެސްދިނުމުގައި ބޭނުންކުރަންވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ސައްހަ މަޢުލޫމާތުތަށް ކަމަށް ބަޔާންކޮށްފައިވީ ހިނދު  “މަޑިސީލަ” ޕްރޮގްރާމްގައި ކޮވިޑް 19 އާއި ގުޅިގެން ގެނެސްދީފައިވާ މައުލޫމާތަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ގެނެސްދީފައިވާ މައުލޫމާތެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

"މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ 4 ވަނަ ނަންބަރު އާ ހިލާފުވާކަމެއް ކަމަށް ކަނޑައަޅައި، “ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް” ގެ 7 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމެނޭ “މަޑިސީލަ” ޕްރޮގްރާމް، މިއަދުން ފެށިގެން އާންމު ސިއްހަތުގެ ކުއްލި ނުރުއްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރުމަށާއި މިދެންނެވި މުއްދަތުގައި ރާއްޖޭގެ އާންމު ސިއްހީ ނުރައްކަލުގެ މިހާލަތުގައި ކޮވިޑް 19 އާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މައްސަލަ ނިންމީއެވެ،" ބްރޯޑްކޮމް އިން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުން އަންނާތީ އެކަމުގައި ގިނަބައެއްގެ ހިތުގައި ކަންބޮޑުވުން އުފެދެމުން އަންނަ ކަމަށް ކޮވިޑް19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް އަންނަނީ މިފަހަކަށް އައިސް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *