ގައިދީންނަށް އާއިލީ ބައްދަލުވުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދިނުމަށް މަޝްވަރާކޮށްފި

ގައިދީންތަކެއް --

ރާއްޖެއިން ވެސް މިހާރު ފެނިފައިވާ ކޮވިޑް19 ވައިރަސްއާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ގައިދީންނަށް އެމީހުންގެ އާއިލާތަކާއި ބައްދަލުކުރުމަށް ދީފައި އޮންނަ ބައްދަލުވުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް އޭގެ ބަދަލުގައި ފޯނު ކޯލު އިތުރު ކުރުމަށް ނިންމާފައި ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.

ނަމަވެސް އެކަން އިތުރަށް ހަރުދަނާކޮށް ގައިދީންނަށް އާއިލީ ބައްދަލުވުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހަމަޖެއްސޭނެ ގޮތާއި ގުޅޭ ގޮތުން މިއަދު ވަނީ މަޝްވަރާ ކޮށްފައެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖަލުތަކުގެ ޑިރެކްޓަރުންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބައްދަލުވުމުގައި ގައިދީންނަށް މި ހާލަތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން ކަރެކްޝަނުން ވަނީ ޝަރުއީ ކޯޓުތަކުގެ އެދުމުގެ މަތިން ހުން އައިސް، ކެއްސާ އަދި ކިނބިހިއަޅާ ގައިދީންނާއި ބަންދު މީހުން ކޯޓަށް ހާޒިރުކުރުން ވެސް މަޑުޖައްސާލާފައެވެ.

އަދި ޖަލުތަކުގައި މި ވައިރަހާ ގުޅިގެން ސަލާމަތީ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމަށް ހާއްސަ ޓާކްސް ފޯހެއް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށް ކަރެކްޝަންސް އިން ހާމަކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.