އޭ'ލެވެލް އިމްތިހާނު ފަސް ކުރުމާއި މެދު އަދި ގޮތެއް ނުނިންމަން: އެޑިއުކޭޝަން

ދަރިވަރުންތަކެއް އިމްތިހާނެއްގައި: ފޮޓޯ / މިހާރު

މިއަހަރުގެ މޭ އަދި ޖޫން ގައި ދިނުމަށް ނިންމާފައިވާ އިމްތިހާނުތައް ފަސްކުރުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އިނގިރޭސި ވިލާތުގެ ސުކޫލުތައް ބަންދުކޮށް އެ ސުކޫލުތަކުގެ ދަރިވަރުންނަށް މޭ އަދި ޖޫން ގައި ދިނުމަށް ހަމަޖައްސައިފައިވާ އިމްތިހާނުތައް ކެންސަލް ކޮށްފައިވީ ނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަނޭޝަނަލް އެގްޒަމިނޭޝަން) ތަކާއި މެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ދަރިވަރުން މޭ / ޖޫން ގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއްނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ސްކޫލުަތައް ވެސް މިހާރު ވަނީ ބަންދު ކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައިވާ މި ބަލި ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން އެންމެ ފުރަތަމަ ސްކޫލުތައް ބަންދު ކުރީ އެއް ހަފްތާގެ މުއްދަތަަށެވެ. ދެވަނަ ފަހަރަށް ސްކޫލުތައް ބަންދު ކުރީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރުމާއި ގުޅިގެންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ.

މިވަގުތު ޖުމްލަ 13 ކޭސްއެއް ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު ފަރުކޮޅު އައިސޮލޭޝަންގައި 15 މީހަކު އެބަހުއްޓެވެ. ވިލިވަރުގައި 25 މީހަކު ކަރަންޓީން ކޮށްފައިވާއިރު ހުޅުލެ ކަރަންޓީންގައި 57 ފަރާތެއް އެބަހުއްޓެވެ. މީގެއިތުރުންވެސް ރާއްޖެއިން ދަތުރު ކުރުން މަނާ ނުކުރާ ގައުމުތަކުން އަންނަ ދިވެހިންނާއި ރާއްޖެއިން ދަތުރު ކުރުން މަނާ ކޮށްފައިވާ ގައުމުތަކުން އަންނަ ދިވެހިންވެސް ހިމަނައިގެން 14 ދުވަހު ހޯމް އައިސޮލޭޝަންގައި ތިބެންޖެހޭ ގޮތަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.