ފަތުރުވެރިޔާގެ ގައިން ކޮވިޑް19 ގެ އަލާމާތްތަކެއް ފެންނަ ވާހަކަ ރިސޯޓުން އެޗްޕީއޭ އަކަށް ނާންގާ!

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ޕޮލިސް

އިޓަލީގެ ފަތުރުވެރިޔަކު ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ގައުމަށް ގޮސް ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން އެންގި ނަމަވެސް އެ ފަތުރުވެރިޔާގެ ގައިން ކޮވިޑް19 ގެ އަލާމާތްތައް ކުރެއްދޫ ރިސޯޓުގެ މެނޭޖުމަންޓަށް ޝައްކު ކުރެވިފައިވީ ނަމަވެސް އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަންގާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑް19 އާ ގުޅިގެން ފުލުހުން ކުރިޔަށް ގެންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި އެކަމުގައި ބަލަންޖެހޭ ބެލުންތަކާއި ހޯދަންޖެހޭ ހޯދުންތަކުގެ އިތުރުން މައުލޫމާތު ސާފު ކުރަންޖެހޭ ފަރާތްތަކުގެ ކިބައިން މައުލޫމާތު ވެސް ސާފު ކޮށްފައިވާނެ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު ކަމަށާއި، އެންމެ ފުރަތަމަ އޭނާ ބަލިވެގެން ރިސޯޓުގެ ޑޮކްޓަރަށް ދެއްކީ ފެބުރުއަރީ 26 ވަނަ ދުވަހު ކަމަށެވެ. އަދި އެ ފަތުރުވެރިޔާ މިދިޔަ މަހުގެ 26ވަނަ ދުވަހު ޑޮކްޓަރަށް ވެސް ދެއްކި ކަމަށާއި އަދި އެމީހާގެ މެޑިކަލް ހިސްޓްރީއެއް އޮތުމުން އޭނާ ބޭނުން ކުރާމުން އަންނަ ބޭސް ބޭނުން ކުރުމަށް ކުރެއްދޫއިން އޭނާ ބެލި ޑޮކްޓަރު ލަފާ ދީފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

އަދި ޑޮކްޓަރަށް ދެއްކި ދުވަހުގެ މެންދުރު އެ މީހާ ރިސޯޓުގެ ރެސްޓޯރެންޓުގައި އިންދާ އަނބުރައިގަނެގެން ވެއްޓިފައިވާ ކަމަށާއި އެހެންކަމުން އެދުވަހުގެ ހަވީރު ކްލިނިކުގައި ބާއްވައިގެން ފަރުވާ ދީފައިވާ ކަމަށާއި އެ ދުވަހު އޭނާގެ ހަށިގަނޑުގައި ހުމުގެ އަސަރު މާބޮޑަށް ނެތުމުން ކޮޓަރިއަށް ބަދަލުކޮށް ކެއުމުގެ އިންތިޒާމު ވެސް ކޮޓަރީގައި ހަމަޖައްސާފައިވާ ކަމަށް ރިޔާޒު ފާހަގަކުރެއްވިއެވެ.

އިތުރަށް ރިޔާޒު ވިދާޅުވީ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހު ފަތުރުވެރިޔާގެ ކަރުތެރެއަށް އުނދަގުވެގެން އަނެއްކާވެސް ޑޮކްޓަރަށް ދެއްކި ކަމަށާއި ނަމަވެސް އެވަގުތު ހުމުގެ އަސަރު ނެތް ކަމަށެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ހުން އަންނަ ކަމަށް ޑޮކްޓަރު ގާތުގައި އެ ފަތުރުވެރިޔާ ބުނި ކަމަށްވެއެވެ.

ފަތުރުވެރިޔާއަށް ދިމާވަމުން ދިޔަ ކަންތައްތަކަކީ ކޮވިޑް19 ގެ ސަބަބުން ދިމާވާ ކަމެއްތޯ ނުވަތަ އިންފެކްޝަން އެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއްތޯ ބެލުމަށް އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭނެ ކަމަށް އެދުވަހު ޑޮކްޓަރު ފަތުރުވެރިޔާއަށް އެންގި ކަމަށާއި އެހެން ނަމަވެސް އިތުރު ޓެސްޓެއް ހެދުމަށް ފަތުރުވެރިޔާ އިންކާރު ކުރި ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެހެންކަމުން އަނެއްކާވެސް ޑޮކްޓަރަށް ބޭސް ދިނުމަށްފަހު އެނބުރި ކޮޓަރިއަށް ފޮނުވާލިއެވެ.

އެހެން ނަމަވެސް އެ ފަތުރުވެރިޔާގެ ފަރާތުން ފެންނަމުން ދިޔަ އަލާމާތްތަކާ ގުޅޭގޮތުން، ޑޮކްޓަރާއި ރިސޯޓުގެ މެނޭޖްމަންޓުގެ ބައެއް ފަރާތްތަކާއި އަދި ފަތުރުވެރިޔާގެ ކަންކަން ބަލަހައްޓަމުން ގެންދިޔަ ސްޓާފުން ހިމެނޭގޮތުން ވަނީ މަޝްވަރާވެސް ކޮށްފައެވެ. އެ މަޝްވަރާތަކަށްފަހު އެޗްޕީއޭގެ ހޮޓްލައިނަށް ގުޅުމާމެދު ވެސް ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް ކޮވިޑް19 ރިޕޯޓުކުރާ ކްރައިޓީރިއާއަށް އެ ފަތުރުވެރިޔާ ނުފެތޭ ކަމަށް ގަބޫލުކުރެވޭތީ މެނޭޖްމަންޓުން ނިންމީ އެޗްޕީއޭއަށް އެކަން ރިޕޯޓު ނުކުރުމަށެވެ.

ނަމަވެސް އެ ފަތުރުވެރިޔާ ނޫނަށް ހުން އައިސްގެން ގިނަ ފަތުރުވެރިން ޑޮކްޓަރަށް ދައްކަމުން ގެންދާތީއާ އެ ފަތުރުވެރިޔާ ހުން އައިސްގެން އެޗްޕީއޭ އަށް ގުޅަންޖެހޭ ކަމަށްވާ ނަމަ އެހެން ފަތުރުވެރިން ހުން އައިސްގެން ވެސް ގުޅަންޖެހޭނެތީއާ އަދި އެޗްޕީއޭ އަށް ރިޕޯޓު ކުރަންޖެހޭ ކްރައިޓީރިއާ ކަމަށް ރިސޯޓުގެ މެނޭޖުމަންޓަށް ގަބޫލު ނުކުރެވޭތީ ނިންމީ ރިޕޯޓު ނުކުރާށެވެ. ނަމަވެސް މެނޭޖުމަންޓުގެ އެ ނިންމުން ކުރެއްދޫގައި ހުންނަ ޑޮކްޓަރާއި ހިއްސާ ކުރުމުން ޑޮކްޓަރުގެ ކަންބޮޑުުވުންތަކެއް ހުރުމުން ޑޮކްޓަރު ވަނީ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅާފައެވެ. ނަމަވެސް އެޗްޕީއޭއަށް ގުޅާފައިވެސް ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހަކު ހުރި ކަމަކަށް ރިސޯޓުން އެޗްޕީއޭ އަށް އަންގާފައި ނުވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އޭގެ ފަހުން ފެބުރުއަރީ 28 އަދި 29 ވަނަ ދުވަހު ވެސް އެ ފަތުރުވެރިޔާ ވަނީ ޑޮކްރަށް ދައްކައިފައެވެ. ނަމަވެސް ދެ ދުވަހުވެސް އޭނާގެ ހާލު ޖުމްލަގޮތެއްގައި ރަނގަޅު ކަމަށާއި، އޭރުވެސް ފަތުރުވެރިޔާގެ ކައުމުގެ ކަންކަން ހަމަޖައްސަމުން ދިޔައީ އޭނާގެ ކޮޓަރީގައި ކަމަށް ފުލުހުން ބުންޏެވެ.

އެއަށްފަހު އޭނާ އެނބުރި ގައުމަށް ދިއުމަށް ފުރީ މާޗް މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެ ދުވަހު ޗެކިން ކައުންޓަރުގެ ކިޔުގައި ހުއްޓާ އެމީހާ ވަނީ އަނބުރައިގަނެގެން ވެއްޓިފައެވެ.

ރިޔާޒް ވިދާޅުވީ ފަތުރުވެރިޔާ އެއާޕޯޓަށް ދިޔައީ މާސްކް އަޅައި، މޫނާއި ނޭފަތާ އެއްކޮށް ނިވާކޮށްގެން ކަމަށެވެ. އަދި އެއާޕޯޓުގައި ކިޔޫގައި ތިބޭ އިރު ގިނައިރުވެގެން ނުވަތަ ހޫނުގަދަވެގެން މީހުން ވެއްޓުމަކީ މަދުން ނަމަވެސް ދިމާވާ ކަމެއް ކަމަށް ވާތީ އާއި، ފަތުރުވެރިޔާގެ ގައިން ކޮވިޑް19 ގެ އަލާމާތްތަކެއް ފެންނަން ނެތް ކަމަށް އެވަގުތު އޭނާއަށް އެޓެންޑުވި މުވައްޒަފުން ތަހުގީގުގައި ބުނެފައިވާ ކަމަށެވެ. އަދި އެ ދުވަހު އޭނާ ފްލައިޓަށް ވެސް އެރުވީ ފުރޮޅީ ގޮނޑިއެއްގައި ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

އެ ފަތުރުވެރިޔާގެ ގައިން އަލާމާތްތަކެއް ފެނުނު ނަމަވެސް، އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން އަމަލުކޮށްފައިވާގޮތުން، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ވަނީ ފުރައިގެންގޮސްފައެވެ. އެކަމާ ގުޅިގެން އެ ބަލި ރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްހަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުއާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *