ގާސިމްގެ ފަން އައިލެންޑު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަނީ

ފަން އައިލެންޑު ރިސޯޓު --

މަޝްހޫރު ވިޔަފާރުވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ފަން އައިލެންޑު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ނިންމައިފިއެވެ.

އެ ރިސޯޓަކީ ވިލާ ހޮޓަލްސް އެންޑް ރިސޯޓްސްގެ ރަށެކެެވެ. ކޮރީނާވައިރަހާ އެކު އެ ކުންފުނިން ވަނީ، ޕެރަޑައިސް އައިލެންޑް ރިސޯޓް ފިޔަވާ އެ ކުންފުނީގެ ހުރިހާ ރިސޯޓެއް ބަންދު ކުރަން ނިންމައިފައެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތުތައް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވަ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް19 ވައިިރަސްއާ ގުޅިގެން އެކަހެރި ކުރާ މީހުންގެ ކަންކަމަށް އެ ރަށް ބޭނުން ކުރަން އޮތީ ތައްޔާރަށް ކަމަށެވެ. މިހާރު ރާއްޖޭގައި ކޮވިޑް19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދަނީ ވިލިވަރާއި ވެލިދޫ ރިސޯޓާއި ފަރުކޮޅު ފުއްޓެވެ. މީގެއިތުރުން ހުޅުލެ އައިލެންޑު ހޮޓެލްވެސް މިހާރު އަންނަނީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ.

މިވަގުތު ޖުމްލަ 13 ކޭސްއެއް ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު ފަރުކޮޅު އައިސޮލޭޝަންގައި 15 މީހަކު އެބަހުއްޓެވެ. ވިލިވަރުގައި 25 މީހަކު ކަރަންޓީން ކޮށްފައިވާއިރު ހުޅުލެ ކަރަންޓީންގައި 57 ފަރާތެއް އެބަހުއްޓެވެ. މީގެއިތުރުންވެސް ރާއްޖެއިން ދަތުރު ކުރުން މަނާ ނުކުރާ ގައުމުތަކުން އަންނަ ދިވެހިންނާއި ރާއްޖެއިން ދަތުރު ކުރުން މަނާ ކޮށްފައިވާ ގައުމުތަކުން އަންނަ ދިވެހިންވެސް ހިމަނައިގެން 14 ދުވަހު ހޯމް އައިސޮލޭޝަންގައި ތިބެންޖެހޭ ގޮތަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

އެއާ ހިލާފަށް އަމަލު ކުރާ ފަރާތްތަކުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާއިރު ތިން ދިވެއްސެއް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓު ވުމާއި ގުޅިގެން އެ ތިން ދިވެހިންގެ ސާމްޕަލް ވެސް މިހާރު ދަނީ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެމީހުން ވެސް ވަނީ ހޯމް އައިސޮލޭޝަންގައި ބަހައްޓާފައެވެ.

 

 

 

 

 

ހިޔާލު ދެއްވާ!

Your email address will not be published.