ކުރިއަށް އޮތް 10 ދުވަހު ރިސޯޓުތަކާއި ރަށްތަކަށް ދަތުރު ނުކުރުން އަންގައިފި

ފަތުރުވެރިންތަކެއް އެއާޕޯޓުން ފުރަން ދަނީ ---

ކޮވިޑް19 އާއި ގުޅިގެން ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ރާއްޖޭގެ އެއްވެސް ރިސޯޓަކަށާއި، ރަށަކަށް ދަތުރު ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަަށަކަށް މީހުން ދަތުރު ކުރުމާއި، ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރު ކުރުމުގެ އިތުރަށް، އެއް ރިސޯޓުން އަނެއް ރިސޯޓަސްވެސް ދަތުރު ކުރުން މިރޭ 9:00 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް މަޑު ޖައްސާލަން އަންގާފައެވެ.

އަދި މިހެން އަންގާފައިވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް ބައެއް ކަހަލަ ހާލަތްތަކުގައި ދަތުރު ކުރަންޖެހޭ ފަރާތްތަށް އިސްތިސްނާވާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އޭގެތެރޭގައި ހިމެނޭ ފަރާތް ތަކަކީ، ފަތުރުވެރިން ދިވެހިރާއްޖެއިން ފުރުމަށްޓަކައި އެއާޕޯޓަށް ދާ މީހުންނާއި، ފަތުރުވެރިން ފުރުވަން ދާންޖެހޭ މުވައްޒަފުން އެއާޕޯޓަށް ދިއުން ( މިފަދަ މުވައްޒަފުން އެނބުރި އަންނަން ޖެހޭނީ ރިސޯޓަށެވެ. އަދި އެފަދަ ފަރާތްތައް ދަތުރު ކުރަމުންދާ ގޮތުގެ މައުލޫމާތު ރިސޯޓުތަކުން ބަލަހައްޓަންވާނެ ކަމަށް) އަދި ރިސޯޓު ތަކަށް މުދާ އުފުލާ އުޅަނދު ފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިސޯޓުތަކަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހިސާބަށް ދިއުން ( މިފަދަ ފަރާތްތައް ރިސޯޓަށް އެތެރެވެފައިވާނަމަ، އެ ފަރާތްތައް ރިސޯޓުން ފޭބުމުގެ ހުއްދައެއް ނޯންނަނެ ކަމަށް) މިއެވެ.

މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށް އަންގާ ކަމަށާއި އަދި މި އެންގުންތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާއި އަޅާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.