ރާއްޖެއަށް ދަތުރުކުރުން މަނާ ނުކުރާ ގައުމުތަކުން އަންނަ ދިވެހިން ގޭގައި އެކަހެރި ކުރަނީ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުން މަނާ ނުކުރާ ސަރައްހައްދުތަކުން އަންނަ ދިވެހިން ގޭގައި އެކަހެރިވާން ޖެހޭ ގޮތަށް ހަދައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިރޭގެ 00:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް އެތެރެވުން މަނާ ކޮށްފައިވާ ގައުމުތައް ނުވަތަ ސަރަހައްދުތައް ފިޔަވާ އެހެން ގައުމުތަކުންވެސް ރާއްޖެއަށް އެތެރެވާ ދިވެހިން 14 ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އެ އެޖެންސީން އަންގާ އެންގުންތަކަށް އަމަލު ނުކުރާ ކަމަށްވާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އެ އެޖެންސީން ބުނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް ރައްޔިތުންެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮވިޑްގެ އަލާމާތްތައް ހުންނަ މީހަކުވެސް ކަރަންޓީން ކުރަމުން ގެންދަނީ އެ ބަލި ޖެހުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ.

އެފަދަ އެންގުންތަކާ ހިލާފުވުމަކީ އާންމު ސިއްހަތަށް ނުރައްކާވާ ހާލަތަކަށް މުޖުތަމައުގެ އެހެން ފަރާތްތައް ހުށަހެޅިގެންދާނެ ކަމެއްކަމުގައި ވާތީއެއިން އެންގުމަކާ ހިލާފުވާ ކޮންމެ ފަރާތަކާމެދު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާ އެއްގޮތައްވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައި ވަނީ ޗައިނާ، އިރާން، އިޓަލީ، ސްޕެއިން، މެލޭޝިޔާ އަދި އިނގެރޭސިވިލާތުންނެވެ. މީގެ އިތުރުން ކޮރެއާގެ ދެ ސަރަހައްދަކުންނާއި، ޖަރުމަން އަދި ފްރާންސްގެ ބައެއް ސިޓީތަކުން ވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.