ކަރަންޓީނަށް ދެކޮޅު ހަދާ މީހުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަނީ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ހެލްތު މިނިސްޓްރީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖޭގައިވެސް ފެތުރިފައިވާއިރު، އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ކަރަންޓީންވާން އަންގާ އެންގުމާ ހިލާފުވާ ފަރާތްތައް 5000 ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ކަރަންޓީންވާން އަންގާ ފަރާތަކުން އެކަމާއި ދެކޮޅު ވާނަމަ،  އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު 17 ވަނަ މާއްދާގެ ދަށުން -/5000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. ނުވަތަ އެ ގާނޫނޫގެ 82 ވަނަ މާއްދާއަށް ރިއާޔަށް ކޮށް އެ އެންގުމާއި ހިލާފުވާ ފަރާތްތަކުގެ ނަން އާންމުކޮށް ހާމަ ކުރާނެ ކަމަށް ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިގޮތަށް އަމަލު ކުރަން ނިންމާފައިވަނީ، ރާއްޖޭގެ ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ކޮވިޑް19 ޖެހިފައިވާ މީހަކު ނުވަތަ އެ ބަލި ޖެހިދާ ފަދަ ހާލަތަކަށް ހުށަހެޅިފައިވާ މީހަކު އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކަރަންޓީން ކުރުމަށް، ނުވަތަ އެފަދަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކު، އެކަހެރި ކުރުމަށް އަންގާފައި ވަނިކޮށް، އެފަދަ އެންގުންތަކާއި ހިލާފުވާ ކޮންމެ ހިލާފުވުމަކީ އާންމު ސިއްހަތަށް ނުރައްކާވާ ހާލަތަކަށް މުޖުތަމައުގެ އެހެން ފަރާތްތަކަށް ހުށަހެޅިގެންދާނެ ކަމެއް ކަމުގައިވާތީ، އެއިން އެންގުމަކާއި ހިލާފުވާ ކޮންމެ ފަރާތަކާ މެދު އެ ގާނޫނުގެ ދަށުން އެއްގޮތްވާ ގޮތުގެ މަތިން އެޅޭ ފިޔަވަޅެއް ކަމަށެވެ.

އެޗްޕީއޭއިން ބުނީ މި އެންގެވުން ނެރެފައިވާ ވަގުތުން ފެށިގެން އެންގުމާއި އެއްގޮތަށް އަމަލު ކުރަމުން ގެންދާނެ ކަމަށެވެ. ކަރަންޓީން ވުމާއި ދެކޮޅުވާ މީހުންނާ މެދު ގަނޫނީ ގޮތުން ފިޔަވަޅުތައް އަޅަން ނިންމާ ފައިވާއިރު، ދާދިފަހުން ސައުތް ކޮރެއާއިން އެނބުރި ރާއްޖެއައި މީހަކު ވިލިމާލޭގައި ހުއްޓާ ކޮވިޑް19 ގެ އަލާމާތްތަކެއް ފެނިގެން ކަރަންޓީން ވުމަށް ދާން އެދުމުން އެކަމަށް ދެކޮޅު ހެދި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ވަނީ ފަށާފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ކޮވިޑް19 އަށް ޝައްކު ކުރެވޭ ދިވެހި ފިރިހެނެއްގެ ބަލަން ޖެހޭ ކަންކަން ބަލައި ޓެސްޓު ކުރުމަށްޓަކައި ފަރުކޮޅުފުށި އައިސޮލޭޝާން ފެސިލިޓީއަށް ގެންދިއުމަށްޓަކައި، ގޭގައި މަޑުކުރުމަށް އަންގާފައި ވަނިކޮށް އެކަމަށް އެއްބާރުލުނުން ނުދީ، އަންގާފައިވާ ގޮތަށް އަމަލުކޮށްފައި ނުވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވަނީ ވިލިމާލެއަށް ގޮސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއަށް މިއަދު މެންދުރުގެ ވަގުތެއްގައި ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ޕެނަލް ކޯޑުގެ 121 މާއްދާގެ ދަށުން ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ގެ އެންގުމާއި ހިލާފަށް އަމަލު ކުރާ މީހުންގެ މައްސަލަ ފުލުހުންގެ މުއައްސަސާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.