ބަންދުތެރޭގައި ދަރިވަރުންގެ ޓެލިކިލާސްތައް ނޯންނާނެ: އެޑިއުކޭޝަން

ސްކޫލްތަކުގެ ދަރިވަރުން/ ފޮޓޯ- އަވަސް

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާތީ ހުރިހާ ސްކޫލްތައް ބަންދުކޮށްފައިވީ ނަމަވެސް، ދަރިވަރުންނަށް ނަގަމުން ދިޔަ ޓެލިކިލާސް ޕްރޮގްރާމް ތައްވެސް ހުއްޓާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ދަރިވަރުންނަށް ޓެލިކިލާސް ޕްރޮގްރާމްތައް ނަގަމުން ދިޔައީ ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށެވެ.

މިކަމާއި ގުޅިގެން މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މިދަނޑިވަޅުގައި ދަރިވަރުން ގޭގައި ތިބޭއިރު ބެލެނިވެރިންނަށް ސަމާލުކަން ދެވިދާނެ ކަމަށާއި އެގޮތުން ދަރިވަރުން ދީނީ ކަންތައްތަކަށް އަހުލުވެރި ކުރުވުމާއި ގޭބިސީއަށް އެއްކޮށް ކުރެވޭނެ ކަންތައްތައް ރާވާ ޢާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި ދަރިވަރުންގެ ސްކްރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ހިޔާލު ތަނަވަސް ކުރުމަށް ސަމާލުކަން ދެވިދާނެ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކުރުމާއެކު ޓެލެކިލާސް ޕްރޮގްރާމުތައް ވަނީ ފަށާފައެވެ. އެ ޕްރޮގްރާމްތައް ފަށާފައި ވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ކޮވިޑް19 ގެ ސަބަބުން ސްކޫލުތަކުގެ ކިޔެވުން އެއް ހަފްތާއަށް މެދުކަނޑާލާފައިވީ ނަމަވެސް ދަރިވަރުންނަށް ފިލާވަޅުތައް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. މިކަމާއި ގުޅިގެން ރާއްޖޭގައި ވަނީ 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ވެސް ވަނީ ބަންދުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *