މެންބަރުންގެ މުސާރަ 20 ޕަސެންޓު ކުޑަ ކުރަން ކޮމެޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް އިދާރާ/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ރާއްޖެެއިން ކޮވިޑް19 ފެނިފައިވުމުން އިގްތިސޯދަށް އެކަމުގެ ސަބަބުން ލޮޅުންތައް އަރަމުން ދާތީ އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލިސް މެންބަރުންގެ މުސާރަ 20 ޕަސެންޓު ކުޑަ ކުރުމަށް ހުށަހެޅި ހުށަހެޅުން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ ހުށަހެޅުން ކޮމިޓީން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީގެ މި ނިންމުން މަޖިލީހުން ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު 14:00 ގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މިއަދު ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކުޑަކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރްވަނީ އެދިވަޑައިގެންފައެވެ. އެއާއެކު މަޖިލިސް މެންބަރުންގެ ކޮއްތުވެސް ކަނޑާލުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް19 ރާއްޖޭގައި ފެތުރުމާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދަށްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށެވެ.

ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިހާރުވެސް އިތުރު ބައެއްގެ ސާމްޕަލްތައް ވަނީ ނަގާފައެވެ. އެގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އިންޑިއާއިން ރާއްޖެ އައިސްފައިވާ ފަސް ދިވެހިންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެއިތުރުން ސަފާރީއެއްގައި ތިބި ތިން މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރޭ އެޗްޕީއޭ އިން ވެސް ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *