ޗައިނާގެ ވައިރަސް ދުނިޔެއަށް ފެތުރުމުގެ ޒިންމާ އުފުލަން ޖެހޭނީ ކޮން ބައެއް؟

ޗައިނާގެ ވުހާންގެ ހޮސްޕިޓަލަކަށް ބަލި މީހަކު ވެއްދުމުގައި އެ ގައުމުގެ ސިއްހީ ހިދުމަތްތެރިއަކު މަސައްކަތް ކުރަނީ

ދުނިޔޭގެ އެންމެންގެ ދިރިއުޅުމަށް އަސަރުކޮށްފައިވާ ކޮރޯނާ ފާޅުވުމުގެ ޒިންމާ އުފުލަން ޖެހޭނީ ކޮން ފަރާތަކުން ބާވައެވެ. މި ބަލި ފެތުރެމުން ދާނީ ކިހާ ވަރަކަށް، ކިހާ ހިސާބަކަށްކަން އެއްވެސް މީހަކަށް ނޭނގެއެވެ. އެއްވެސް މީހަކަށް ކޮރޯނާގެ ދެންވާނެ ގޮތެއް ނޭގޭކަމުގެ ފުރިހަމަ ހެއްކަކީ ޗައިނާއިން މީހުންގެ ދަތުރުފަތުރާއި ހަރަކާތަކަށް ހުއްޓުން އަރުވައި ކުރިމަތިކޮށްފައިވާ ހުރަސްތަކެވެ.
ޗައިނާގެ ވަޒަންވެރިންނާއި ޗައިނާގައި ދިރިއުޅޭ ބޭރު މީހުންވެސް ތިބީ ވާނުވާ ނޭނގިފައެވެ. އާދައިގެ މީހާއަށް ފަރުވާއަށް ބޭހެއް ނުލިބެއެވެ. އަދި ހަމައެފަދައިން ކަންމަތީ ފިހާރައިން ކާބޯ ތަކެތި ނުލިބުމަކީވެސް އާންމު މީހާގެ ނުތަނަވަސްކަން އިތުރުވެގެންދާ ކަމެކެވެ. ހިތް ހަމަޖައްސާލަން މީހުން ނިކުމެ އުޅޭ އާންމު މައިދާނުތައް ބަންދުކޮށް ކޮމިއުނިސްޓް ހަރުކަށި ގޮތްތައް މަޖުބޫރުކޮށްލުމުން މީހުންގެ ބިރާއި ނުތަނަވަސްކަން އިތުރު ވެގެން ދެއެވެ. ބޭރު މީހުން ވަނީ ޗައިނާ މީހުން އެތެރެވިޔަ ނުދިނުމަށް ފިތަވަޅުތަކެއްވެސް އަޅާފައެވެ.

ވަރލްޑް ބޭންކުން ވަނީ ކުރިން އަންދާސާކޮށްފައިވާ މިންވަރަށް ވުރެން ޗައިނާގެ އިގްތިސާދު 0.4 އިންސައްތަ ދަށްވާނެ ކަމަށް ލަފާ ކޮށްފައެވެ. ހަމައެފަދައިން ދުނިޔޭގެ އިގްތިސާދުގެ ދުވެއްޔަށްވެސް ހީނަރުކަމެއް އަންނާނެ ކަމަށް ބުނެފައި ވެއެވެ.

ޗައިނާގެ މަސްއޫލު ފަރާތްތަކުން ބުނަމުން ދަނީ ވައިރަސްގެ އަސަރު ކުރާނީ ކުޑަ މިންވަރަކަށެވެ. އެކަމަކު އިންވެސްޓަރުން ވަނި ޗައިނާ ސަރުކާރުން އެދެވޭ ފިޔަވަޅެއް ނާޅާކަމަށް ބުނެ ނުތަނަވަސްކަން ފާޅުކޮށްފައެވެ. އެމީހުންގެ ނުތަވަނަސްކަން ބިނާވެފައިވަނީ ދެ ކަމެއްގެ މައްޗަށެވެ.

ބަލި ފެތުރެން ފެށިތާ ދެމަސްފަހުންވެސް ދުނިޔެއާއި ޗައިނާގައި އަދިވެސް ހުއްޓުމެއް ނެތި ބަލި ދަނީ ފެތުރެމުންނެވެ. ދެވަނަ ކަމަކީ އާންމު ސިއްޙަތާ ގުޅޭ މައްސަލަތައް ޗައިނާގައި ދިމާވެދާނެ ކަން ހާމަވެގެން ދިއުމެވެ. އަދި މުސްތަގްބަލުގައިވެސް މިފަދަ ކަމެއް ދިމާ ނުވާނެކަމުގެ ޔަގީންކަމެއް ނެތުމެވެ.

ބަލިފެތުރެން ފެށި ފުރަތަމަ ކޮޅު ޗައިނާ ސަރުކާރުން މަޢްލޫމާތު ކޮންޓްރޯލް ކުރުމާއި ކޮމިއުނިސްޓް އުސޫލުން މީހުން ކޮންޓްރޯލް ކުރުމުން އެނގިގެން ދިޔައީ ޗައިނާގެ ވިސްނުން މިއޮތް ހައިޓެކް ޒަމާނީ ޒަމާނުގައިވެސް ބޯދާކަމެވެ. ކުރިން މިއީ ވަގުތީ ކަމެއްކަމުގައި ދުށް މީހުންވެސް މިހާރު ތިބީ ކަންކަން ދާގޮތުން މާޔޫސްވެފައެވެ. މިކަން ގޮސް ނިމޭނީ ކިހިނެއްކަން އެއްވެސް މީހަކަށް ނޭނގެއެވެ.

މީސްމީޑިއާގައި ޗައިނާ މީހުންނާ ދެކޮޅަށް ހުތުރު ބަސްތައް ދަނީ ރައްދުކުރެވެމުންނެވެ. ނަސްލީ ދެކޮޅުވެރިކަމުގެ ޝިއާރެއްކަމުގައި ބެލެވުނަސް މީހުންގެ ރުޅިވެރިކަމާހެދި ވަރަށް ގިނަ ގައުމުތަކުގައި "ޗައިނާ މީހުން ވަނުން މަނާ" ބޯޑްތައް މަދެއް ނޫނެވެ. ޗައިނާއާ އިންވެގެން އޮންނަ ކަޒަޚިސްތާންގެ ޒައިސާން ޑިސްޓްރިކްޓްގައި ޗައިނާ މީހުން ކަރަންޓީން ކުރުމަށް ޚާއްސަކޮށްފައިވާ ހަސްފަތާލުވެސް ރަށު މީހުން ވަނީ ހަލާކުކޮށްލާފައެވެ. ކަޒަޚް ސަރުކާރުން ބުނަނީ މިއީ އެންމެން ކަރަންޓީނުކުރުމަށް ހަދާފައިވާ ތަނެކެވެ. ހަމައެކަނި ޗައިނާ މީހުންނަށް ހަދާފައިވާ ތަނެއް ނޫންކަމުގައެވެ.

ދުނިޔޭގެ ހިއްސާގެ ބާޒާރުގެ އަގުތައްވެސް ވަރަށް ބޮޑުތަން ވެއްޓިފައި ވެއެވެ. އެމެރިކާގައިވެސް ފެބްރުއަރީ މަހުގެ ތިންވަނަ ހަފްތާގައި 1.7 ޓްރީލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހުނެވެ. ލަންޑަންގެ ހިއްސާގެ ބާޒާރުގައި ހިއްސާގެ އަގުތައް އަހަރެއްގެ ތެރޭގައި ދުވަހަކުވެސް އަގު ނުވެއްޓޭ މިންވަރަށް އަގު ވެއްޓިފައި ވެއެވެ.

ދުނިޔޭގެ ވިޔަފާރިވެރިންގެ ހިތްހަމަ ނުޖެހުމަކީ މި ވައިރަސް ދުނިޔެއަށް ފެތުރިޔަ ނުދީ ޗައިނާއަށް ކޮންޓްރޯލް ނުކުރެވުމުގެ މައްސަލައެވެ. ދުނިޔޭގެ ގައުމުތަކުން ކޮންމެ ދުވަހަކު ތިލަވާ ކޮރޯނާގެ މައްސަލަތަކުން މީހުން ތިބީ ގޮތް ހުސްވެ ވާނުވާއެއްގައެވެ. ރުޅި ބާލާނެ ދެވަނަ ފަރާތެއް އެބަ އޮތް ހެއްޔެވެ؟

Leave a Reply

Your email address will not be published. Required fields are marked *