ހައްސާސް ވަގުތެއްގައި މަޖިލިސް ބަންދެއް ނުކުރެވޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު

މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްހީ ކާރިސާގެ އަސަރު ރާއްޖެއަށް ވެސް ފޯރާފައިވާ ދަނޑިވަޅެއްގައި މަޖިލިސް ބަންދު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި، ރައީސް ނަޝީދު އެހެން ވިދާޅުވީ މާދަމާއިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ލިބިދާނެ ގެއްލުމަށްޓަކާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށެވެ.

“މި މަޖިލީހެއް ބަންދެއް ނުވޭ. މި މަޖިލީހެއް ބަންދެއް ނުވެސް ކުރެވޭނެ މިބާވަތުގެ ހައްސާން ވަގުތެއްގައި. މަޖިލީހުން ބަލަހައްޓަންޖެހޭ ކަންކަން ބަލަހައްޓަމުން ގެންދާންޖެހޭ،” ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިހާބު ފަސް ކުރުމާ ގުޅޭ ގާނޫނު މަޖިލީހުން ހަދަންޖެހޭ ކަމަށާއި ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު މިއަހަރުގެ ޖޫންއަށް ވުރެ ފަސްވެގެންދާނަމަ، އެއަށް ވެސް ހައްލެއް މަޖިލީހުން ހޯދަންޖެހޭ ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ މިހާލަތުގައި މަޖިލިސް ބާއްވަންޖެހޭ ދުވަހެއްގައި މަޖިލިސް ބާއްވާނެ ކަމަށާއި މެމްބަރުން އެކަމަށް ތައްޔާރަށް ތިއްބެވުމަށް ނަޝީދު މިއަދުގެ ޖަލްސާގައި އިލްތިމާސްކުރެއްވިއެވެ. އަދި މަޖިލީހުގެ މުވައްޒަފުން ގޭގައި ތިއްބަވައިގެން މަޖިލީހުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.