ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓުވި ތިން ދިވެއްސެއް ޓެސްޓު ކުރަނީ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ޑައިރެކްޓު ކޮންޓެކްޓުވެފައިވާ ތިން ދިވެއްސެއް ކޮވިޑް19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 3 ދިވެއްސެއްގެ ފުށުން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި ބުނީ އެ 3 މީހުންވެސް އެކަހެރިކޮށް، މިހާރު ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ. 

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ އިންޑިއާގެ އެކި ސިޓީތަކުން ދަތުރު ކުރުމަށްފަހު ރާއްޖެ އައިސްފައިވާ ދިވެހިންތަކެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިފައިވާތީ އެމީހުންގެ ސާމްޕަލްތައް ނަގާފައިވާ ކަމަށެވެ. އަދި އެ މީހުންވެސް ހޯމް އައިސޮލޭޝަންގައި ބަހައްޓާފައިވާ ކަމަށެވެ.

މަބްރޫކް މިރޭ ވިދާޅުވީ ރާއްޖޭގައި ޓެސްޓް ކުރުމުގައި ގެންގުޅޭ އުސޫލު އިތުރަށް ވަރުގަދަކޮށް ޝައްކުވާ ކަހަލަ އަލާމާތެއް ކިރިޔާ ފެނުނަސް މިހާރު ޓެސްޓް ކުރަމުން ގެންދާ ކަމަށެވެ. މުޅި ރާއްޖޭގައި ކޮވިޑް19އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފައެވެ. އެ 13 މީހުންނަކީ ހުސް ބިދޭސީންނެވެ. އެއީ ރާއްޖޭގެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީންނާއި ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައި ތިބި ފަތުރުވެރިންނެވެ.

ހަމައެއާއެކުގައި ރާއްޖޭގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެ ހާލަތު އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.