މެލޭޝިޔާ އަދި ޔޫކޭގައި ތިބި ދިވެހިންނަށް އެންމެ ރައްކާތެރީ ގޭގައި މަޑުކުރުން: ސަރުކާރުން

ކޮވިޑް19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް: ފޮޓޯ / ސަން

ހަލުވިކަމާއި އެކުގައި ކޮވިޑް19 ފެތެރެމުން އަންނަ މެލޭޝިޔާ އާއި އިނގިރޭސިވިލާތުގައި ތިބި ދިވެހީން ދިރިއުޅޭ އެޕާޓްމަންޓުން ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށްގެން ތިބުމަކީ އެމީހުންނަށް އޮތް އެންމެ ރައްކާތެރިގޮތް ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، އެންމެ ރިސްކު ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ މެލޭޝިއާވެސް ލޮކްޑައުން ކޮށްފައިވާ ކަމަށާއި، އިނގިރޭސިވިލާތުގެ ހާލަތުވެސް ގޯސްވަމުން ދާ ކަމަށެވެ. އަދި މި ދެ ގައުމުތަކުގަ މިހާރު އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުގަ ކުރެވޭނެ ކަމަކީ އެ ގައުމުތަކުގެ އެއާޕޯޓުތަކަށް ދަތުރު ކުރުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެ ގައުމުތަކުގައި ތިއްބެވި ބޭފުޅުންގެ އަމިއްލަ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، މިވަގުތު ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އެ ބޭފުޅުން އަމިއްލަ އެޕާޓްމަންޓް ނުވަތަ އަމިއްލަ ގޭގެ މަޑު ކުރުން ކަމަށެވެ.

” އެ ގައުމުތަކުގައި ތިއްބެވި ބޭފުޅުންގެ އަމިއްލަ ރައްކާތެރި ކަމަށްޓަކައި މިވަގުތު ކުރެވޭނެ އެންމެ ރަނގަޅު ކަމެއްގެ ގޮތުގަ އަޅުގަނޑަށް ލިބިފަ އޮތް މައުލޫމާތަކީ އެ ބޭފުޅުން އަމިއްލަ އެޕާޓްމަންޓް ނުވަތަ އަމިއްލަ ގޭގެ މަޑު ކުރުން. ސޯޝަލް ޑިސްޓޭންސިންގް ޕްރެކްޓިސް ކުރުމާއި އަމިއްލަ ސާފު ތާހިރުކަން ކަށަވަރު ކުރުން. އެހެން ނަމަވެސް އެއާޕޯޓެއް ތެރެއަށް މިހެން އައުމަކީ އޭގެ ވަރަށް ބޮޑު ރިސްކެއް އެކުލެވޭ ކަމެއް ކަމަށް.”

މީގެ އިތުރުން މަބްރޫކް ވިދާޅުވީ އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވާންޖެހޭ އެހީތެރިކަން ދިވެހި ސަރުކާރުން ވަމުންދާނެ ކަމަށެވެ.

ކޮވިޑް19 އަށް މިހާތަނަށް މެލޭޝިއާއިން 673 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 2 މީހަކު މިއަދު ވަނީ މަރުވެފައެވެ. އަދި އިނގިރޭސިވިލާތުން ކޮވިޑް19 އަށް މިހާތަނަށް 1،543 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 55 މީހަކުވަނީ މަރުވެފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް މީހުން އައުން ވަނީ މަނާ ކޮށްފައެވެ. މިކަމާއި ގުޅިގެން މަބްރޫކް ވިދާޅުވީ މިއަދު އިރުއޮއްސި ހައެއް ޖެހުމާއެކު މެލޭޝިއާއިން އެއްވެސް ފަރާތަކަށް ރާއްޖެ އައއުންވަނީ މަނާކޮށްފައިވާ ކަމަށާއި، އަދި އިނގިރޭސިވިލާތުން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެއްވެސް މީހަކަށް ރާއްޖެ އައުން މަނާ ކޮށްފައިވާ ކަމަށެވެ.

އަދި މި ދެ ގައުމުން ވެސް ރާއްޖެ އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ވަނީ އިރާނާއި ދެކުނު ކޮރެޔާ، ބަންގްލަދޭޝް، ސްޕެއިން، ޗައިނާ އިޓަލީ، ފްރާންސް އަދި ޖަރުމަނުން މީހުން ރާއްޖެ އައުން މަނާކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.