އައްޑޫ ސިޓީ ހިތަދޫއިން އަލާމާތްތައް ފެނުނު ދިވެއްސެއްގެ ސާމްޕަލް ނަގައިފި

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ އިން ވައިރަހުގެ އަލާމާތްތަކެއް ފެނިފައިވާ ދިވެއްސެއްގެ ސާމްޕަލްތައް ނަގައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާއަކީ އިންޑިއާގެ ކޮޗިން އަށް ދިޔަ މީހެއް ކަމަށެވެ. މީގެއިތުރުން އިތުރު ހަތަރު މީހަކުވެސް ވަނީ އިންޑިއާގެ އެކި ސިޓީތަކުން އައި މީހުންތަކެއް ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން ސާމްޕަލް ނަގާފައެވެ. އެގޮތުން އިންޑިއާގެ ބެންގަލޫރަށް ދިޔަ މީހެއްގެ ސާމްޕަލް މާލެ ސިޓީން ނަގާފައިވާއިރު އިންޑިއާގެ ކޮޗިން އަށް ދިޔަ މީހެއްގެ ސާމްޕަލް ރ. ފައިނުން ވަނީ ނަގާފައެވެ. އަދި އިންޑިއާގެ ޓްރިވަންޑްރަމް އަށް ދިޔަ މީހެއްގެ ސާމްޕަލް އއ. އުކުޅަހުން ނަގާފައިވާއިރު ދ. ކުޑަހުވަދޫ އިން ވެސް ވަނީ މީހެއްގެ ސާމްޕަލް ނަގާފައެވެ.

މަބްރޫކް މިރޭ ވިދާޅުވީ ރާއްޖޭގައި ޓެސްޓް ކުރުމުގައި ގެންގުޅޭ އުސޫލު އިތުރަށް ވަރުގަދަކޮށް ޝައްކުވާ ކަހަލަ އަލާމާތެއް ކިރިޔާ ފެނުނަސް މިހާރު ޓެސްޓް ކުރަމުން ގެންދާ ކަމަށެވެ. މުޅި ރާއްޖޭގައި ކޮވިޑް19އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފައެވެ. އެ 13 މީހުންނަކީ ހުސް ބިދޭސީންނެވެ. އެއީ ރާއްޖޭގެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީންނާއި ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައި ތިބި ފަތުރުވެރިންނެވެ.

ހަމައެއާއެކުގައި ރާއްޖޭގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެ ހާލަތު އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *