ކަރަންޓީން އަށް ދާން ދެކޮޅު ހެދި މީހެއްގެ މައްސަލަ ތަހުގީގު ކުރަނީ

ފުލުހުން މީހަކު ހައްޔަރުކޮށް, ބަލައި ފާސްކުރަނީ— ފޮޓޯ/ޕޮލިސް

ސައުތް ކޮރެއާއިން އެނބުރި ރާއްޖެއައި މީހަކު ވިލިމާލޭގައި ހުއްޓާ ކޮވިޑް19 ގެ އަލާމާތްތަކެއް ފެނިގެން ކަރަންޓީން ވުމަށް ދާން އެދުމުން އެކަމަށް ދެކޮޅު ހެދި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ކޮވިޑް19 އަށް ޝައްކު ކުރެވޭ ދިވެހި ފިރިހެނެއްގެ ބަލަން ޖެހޭ ކަންކަން ބަލައި ޓެސްޓު ކުރުމަށްޓަކައި ފަރުކޮޅުފުށި އައިސޮލޭޝާން ފެސިލިޓީއަށް ގެންދިއުމަށްޓަކައި، ގޭގައި މަޑުކުރުމަށް އަންގާފައި ވަނިކޮށް އެކަމަށް އެއްބާރުލުނުން ނުދީ، އަންގާފައިވާ ގޮތަށް އަމަލުކޮށްފައި ނުވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވަނީ ވިލިމާލެއަށް ގޮސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއަށް މިއަދު މެންދުރުގެ ވަގުތެއްގައި ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ޕެނަލް ކޯޑުގެ 121 މާއްދާގެ ދަށުން ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ގެ އެންގުމާއި ހިލާފަށް އަމަލު ކުރާ މީހުންގެ މައްސަލަ ފުލުހުންގެ މުއައްސަސާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.