ހިތްވަރާއެކު މަސައްކަތް ކޮށްގެން މިހާލަތުން އަރައި ގަނެވޭނެ: ޝާހިދު

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު/ ފޮޓޯ- ފޮރިން މިނިސްޓްރީ

އަދުގެ ހާލަތު ބަނަވެފައި، ކުރިއަށް ލަފާކުރެވިފައި އޮތީ ނުތަނަވަސްކަން އިހުސާސްވާ ދުވަސްތަކަކަށް ވީނަމަވެސް، ހިތްވަރާ އަޒުމާއެކު، ހިކުމަތްތެރިކަމާއެކު، އަދި އެކުވެރި ޤައުމުތަކުގެ އެހީއާއެކު ﷲގެ ހެޔޮ ރަހުމަތްފުޅުން ދިވެހިން ކުރިންވެސް ސާބިތުކޮށްދީފައިވާ ފަދައިން މިޙާލަތު ބަދަލުކުރެވޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ރޯގާގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން ސީ.އެން.ބީ.ސީ އަށް ދެއްވި އިންޓަރވިއުއަކަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. މި އިންޓަރވިއުގަވެސް މިފަދަ މޭރުމަކުން މިނިސްޓަރ ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އިންޓަރވިއުގައި މިނިސްޓަރ ވިދާޅުވީ ރޯގާއާއި، ރޯގާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންކަމަށެވެ. ރާއްޖޭގެ އިޤްތިޞާދަށް ބޮޑު އާމްދަނީއެއް ހޯދާ ދާއިރާއަކަށް ފަތުރުވެރިކަމުގެ ސިނާޢަތުވާއިރު، ރާއްޖެއިން ކޮވިޑް-19 ޕޮޒިޓިވް ކޭސްއެއް ފެނުމުގެ މާކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރިކަމަށާއި، މިހާރުގެ އަންޒާދާތައް ދައްކާ ގޮތުން ފަތުރުވެރިކަމަށް 35 އިންސައްތައިގެ ދަށްވުމެއް އަންނާނެކަމަށެވެ.

އަދި މިފަދައިން ކަންތައް ދިމާވެއްޖެނަމަ އޭގެ ސަބަބުން ދައުލަތުގެ އާމްދަނީއިން 446.6 ބިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ގެއްލުން ވެދާނެކަމުގެ ބިރު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް މި ދަނޑިވަޅުގައިވެސް އިތުރު އެހީތެރިކަން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.