އަންނަ އަހަރަށް ޔޫރޯ ފަސްކުރަން ޔުއެފާއިން ނިންމައިފި

ޔޫރޯ ކަޕް 2016/ ފޮޓޯ- ބަސްލް

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމަށް ޔުއެފާއިން ނިންމައިފި އެވެ.

މި މުބާރާތް ފަސްކުރަން ޔުއެފާއިން ނިންމީ ވީޑިއޯކޮންފަރެންސް މެދުވެރިކޮށް މިއަދު ޔުއެފާގެ 55 މެންބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބު އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަންގެ މަންދޫބުން ބައިވެރިވި ބައްދަލުވުމަށްފަހު އެވެ.

މި ބައްދަލުވުމަށްފަހު ޔުއެފާއިން ނިންމާފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރު ބޭއްވުމަށެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް މީގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.

ކޮވިޑް19 އާއި ގުޅިގެން ފުޓްބޯޅައިގެ އެންމެ ނަން މަޝްހޫރު ސަރަހައްދުތަކުގެ ލީގުތައް މިހާރު ވަނީ މެދު ކަނޑާލާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި، އިޓާލިއަން ލީގާއި، ސްޕެނިޝް ލީގާއި، ފްރެންޗު ލީގުގެ އިތުރުން ޖަރުމަން ލީގުގެ މެޗުތައް ވަނީ މެދުކަނޑާލާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް މިހާތަނަށް 185،378 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 7،332 މީހަކު ވަނީ މަރުވެފައެވެެ.

ހިޔާލު ދެއްވާ!

Your email address will not be published.