އެއް ބިލިއަން ރުފިޔާއާ ހަމައަށް ދައުލަތުގެ ހަރަދުތައް ކުޑަ ކުރަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގައި ކޮވިޑް19 ފެތުރެމުން އަންނައިރު ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ސަބަބުން ބޮޑު ލޮޅުމެއް އަރާފައިވާ މި ދަނޑިވަޅުގައި ދައުލަތުގެ ހަރަދުތަކުގެ ތެރެއިން 1 ބިލިއަން ރުފިޔާ އާ ހަމައަށް ހަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ 1 ބިލިއަން ރުފިޔާއާ ހަމައަށް ހަރަދު ކުޑަކުރަން ނިންމާފައިވަނީ ދައުލަތުގެ ހުރިހާ ހަރަދުތަކުގެ ތެރެއިން އުނިކުރެވެން ހުރި ހަރަދުތައް ބަލާ މޮނިޓާ ކުރުމަށްފަހު ކަމަށެވެ. އަދި ސަރުކާރުން އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މަބްރޫޫކް ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުން ވަނީ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންގެ މުސާރައިގެ 20 ޕަސެންޓު ކުޑަކުރުމަށްވެސް ނިންމަވާފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށްވެސް މިއަދު ވަނީ ނިންމާފައެވެ.

ކޮވިޑް19 އާ ގުޅިގެން ދިވެހި ގައުމާއި މުހާތަބު ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާގޮތުން، ކޮވިޑް19ގެ ސަބަބުން އިގްތިސާދަށް އެންމެބޮޑަށް ލޮޅުންއަރާނެ ގައުމެއްގެ ގޮތުގައި، ރާއްޖެ ފާހަގަކުރެވޭ ކަމަށެވެ. މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެފައިވާ ކަމަށެވެ.

މިހާރު ހަދާފައި ހުރި ބުކިންގތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކުރިން ސަރުކާރުން އަންދާޒާ ކޮށްފައި އޮތީ، މި އަހަރުގެ ފަތުރުވެރިކަން، 8 އިންސައްތަ ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އަންދާޒާކޮށްގެން ތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށެވެ. ނަމަވެސް ކޮވިޑް19ގެ ސަބަބުން، އިގްތިސޯދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

.

ހިޔާލު ދެއްވާ!

Your email address will not be published.