މެލޭޝިއާ އިން ކޮވިޑް19 ޖެހިގެން 2 މީހަކު މަރުވެއްޖެ

މެލޭޝިޔާ-

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ޖެހިގެން މެލޭޝިއާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

މެލޭޝިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި މަރުވެފައިވަނީ، އުމުރުން 60 އަހަރުގެ މީހަކާއި، އުމުރުން 34 އަހަރުގެ މީހެއް ކަމަށެވެ.

އެގައުމުގެ ސްޓޭޓް ޑިޒާސްޓަ މެނޭޖްމަންޓް ކޮމިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 60 އަހަރުގެ މީހާ މަރުވެފައިވަނީ ސަރާވާކް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އަދި އުމުރުން 34 އަހަރުގެ މީހާ މަރުވެފައިވަނީ، ޖޮހޯރުގައި ކަމަށެވެ. އެމީހާއަކީ މެލޭޝިޔާގެ މިސްކިތެއްގައި ބޭއްވި ދީނީ ހަރަކާތެއްގައި ބައިވެރިވި މީހެކެވެ. އެ ހަރަކާތުގައި ބައިވެރުވުމަށް ފަހު އޭނާ ހުން އަންނަން ފެށީ މި މަހުގެ 5 ވަނަ ދުވަހު ކަމަށް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ. އަދި އޭނާ މަރުވެފައި ވަނީ ޖޮހޯރް ގެ ޕާމެއި ހޮސްޕިޓަލްގައި ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.

ހަމައެކަނި މިއަދުވެސް މެލޭޝިއާއިން 120 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެގެތެރެއިން 95 މީހުންނަކީ މެލޭޝިއާގެ މިސްކިތެއްގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވި މީހުންކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

މިހާތަނަށް މެލޭޝިއާއިން ކޮވިޑް19 އަށް 673 މީހަކު ވަނި ޕޮޒިޓިވް ވެފައެވެ. މެލޭޝިއާގައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުންދާތީ އެ ގައުމު މިހާރުވަނީ ލޮކް ޑައުން ކޮށްފައެވެ. ލޮކްޑައުން ކޮށްފައިވަނީ އަންނަ ބުދަ ދުވަހުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިކަން އިއުލާން ކުރީ ރޭ މެލޭޝިޔާގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އޭނާގެ ވާހަކަފުޅުގައި މެލޭޝިޔާ ލޮކްޑައުންވާ ދުވަސްތަކުގައި މެލޭޝިޔާގެ އެއްވެސް ރައްޔިތަކަށް ގައުމުން ބޭރަށް ނުދެވޭނެ ކަަމަށާއި އަދި އެހެން ގައުމަކުން އަންނަ މެލޭޝިޔާގެ ރައްޔިތުންވެސް 14 ދުވަހު ކަރަންޓީން ކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އެހެން އެއްވެސް ގައުމެއްގެ ރައްޔިތަކަށް މި ދުވަސްވަރު މެލޭޝިޔާއަށް އެތެރެ ނުވެވޭނެ ކަމަށްވެސް ބޮޑުވަޒީރު މުހުޔިއްދޫން ޔާސީން ވިދާޅުވިއެވެ.

“ހުރިހާ ސްކޫލުތަކާއި ޔުނިވާސިތީތަކާއި ކޮލެޖުތައް ވެސް މި މުއްދަތުގައި ބަންދުވާނެ، ސަރުކާރު އޮފިސްތަކާއި ޕްރައިވެޓު އޮފީސްތައް ބަންދު ކުރާނެ، އެކަމަކު ބައެއް ކަހަލަ މުހިއްމު ހިދުމަތްތައް ދޭ ކުންފުނިތައް ބަންދު ނުކުރާނެ، އެގޮތުން ފެނުގެ ހިދުމަތް ދޭ ކުންފުނިތަކާއި  ޕެޓްރޯލް ސްޓޭޝަންތައް ފަދަ ކުންފުނިތަކާއި ބޭންކުތަކުގެ ހިދުމަތް ލިބިގެންދާނެ، އެތަންތަން ބަންދެއް ނުކުރާނަން،” މުހުޔިއްދީން ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް މިހާތަނަށް 185،378 މީހަކު ޕޮޒިޓުވް ވެފައިވާއިރު، އޭގެތެރެއިން 7،332 މީހަކު ވަނީ މަރުވެފައެވެެ.

ހިޔާލު ދެއްވާ!

Your email address will not be published.