މިނިމަމް ވޭޖު ކަނޑައެޅިޔަސް މި ހާލަތުގައި ނުދެވޭނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ---

މުޅި ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސްއާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދު ހަލާކުވަމުން އަންނައިރު މިނިމަމް ވޭޖެއް ރާއްޖެ ފަދަ ކުޑަ ގައުމަކުން ކަނޑައެޅި ކަމުގައިވީ ނަމަވެސް އިގްތިސޯދަށް މިހާ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެ [މިނިމަމް ވެޖު] ނުދެވޭނެ ކަމަށް މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ ޝިޕިން ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން އިގްތިސާދީ ގޮތުން ބޮޑު ލޮޅޫމެއް އަރާފައިވާ ދަނޑިވަޅެއްގައި މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ މިވަގުތު ކަނޑައެޅިޔަސް އެވަރެއް ނުދެވޭނެ ކަމަށާއި އެކަން ކުރުމަކީ ބޭކާރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ބޯޑުގެ ރިޕޯޓް ދިރާސާކުރުމަށް އިއްޔެ ބޭއްވި އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މިވަގުތަކީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ. އަދި މިވަގުތު ރާއްޖެއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ އިރު އެއީ ތަންފީޒު ކުރަން ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިނިމަމް ވޭޖަށްވުރެ ބޮޑެތި މައްސަލަތައް ރާއްޖޭގައި އެބަހުރި ކަމަށެވެ.

“ވަކި އެއްޗެއް ކަނޑައެޅިކަމުގައިވިޔަސް، އެއް ނުދެވޭނެ މިހާލަތުގައި. އެހެންވީމަ ނުވާނެ ކަމެއް ކުރުމަށް އަޅުގަނޑުމެން ވަގުތު ނަގާލުމުގެ ބޭނުމެއް ނެތް،” ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެތަނެއްގެ އިގްތިސޯދު ދުޅަހެޔޮ ކަމަށްވާ ނަމަ މިނިމަމް ވޭޖު ދެވިގެން ދާނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިނިމަމް ވޭޖެއް މުވައްޒަފުންނަށް ދެނީ އެގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މީގެކުރިން ސަރުކާރުގެ މުވައްޒަފުންނަށް ލިބެމުން ދިޔަ ވަރު މިއަދު ލިބިގެން ނުދާނެ ކަމަށެވެ. އެންމެ އާދައިގެ ވަޒީފާގައި އުޅޭ މީހާގެ މުސާރަ އިއްޔެއަށް ވުރެ މިއަދު ބޮޑުވާނެކަން ފާހަގަކުރައްވާ ގާސިމް ވަނީ މިއަދު މުސާރަތައް އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވާފައެވެ.

“އެކަމަކު މިއަދު އެހެންތޯ؟ ބާޒާރު ފިހާރަތަކުގެ ކަންތައްތައް ހުރީ އެހެން. މަޖިލިސް މެމްބަރުންނަށް ބެލިޔަސް، ސަރުކާރު މަގާމުތަކަށް ބެލިޔަސް، ގެންގުޅޭ މީހަކަށް ބެލިޔަސް، މިދެންނެވި ގޮތަށް ވަރަށް ބޮޑު ތަފާތުތަކެއް އައިސްފައިވޭ،” ގާސިމް ވިދާޅުވިއެވެ.

މިނިމަމް ވޭޖާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލިސް އިދާރާގައި އާއްމުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިމަމް ވޭޖު ބޯޑުގެ ރައީސާ މަރިޔަމް ހާލިދާ ވިދާޅުވީ ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވޭތީ މި ދުވަސްވަރަކީ މިނިމަމް ވޭޖު ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

ހާލިދާ ވިދާޅުވީ މިނިމަމް ވޭޖު ބޯޑުން ވަކި އަދަދެއް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާ (6،400 ރުފިޔާ) އެކަން މިނިމަމް ވޭޖު ރިޕޯޓުގައި ހިމެނީ ކޮވިޑް-19 ދުނިޔެއިން ފެނުމުގެ ކުރިން ކަމަށެވެ. އޭނާ ވަނީ ސަރުކާރުން މިނިމަމް ވޭޖު ރިޕޯޓު ނުވަތަ އެ ސިޔާސަތު ތަންފީޒު ކުރާއިރު ރާއްޖޭގެ އިގްތިސޯދަށްވެސް ރިއާޔަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ހާލިދާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއަށް އެކަމުގެ އަސަރު ކުރާއިރު ރާއްޖެ ފަދަ ކުޑަ ގައުމަކަށް އަދި އެކަމުގެ އަސަރު މާބޮޑަށް ވެސް ކުރާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ކަމަކަށްވެސް ރިއާޔަތް ކުރަންޖެހޭނެކަން ފާހަގަކުރައްވާ ހާލިދާ ވިދާޅުވީ މި ދަނޑިވަޅަނީ މިނިމަމް ވޭޖު ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.