އިންތިހާބު ފަސް ކުރެވޭނީ މަޖިލީހަށް، ކޯޓަކަށް ނޫން: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރާއްޖޭގައި ކޮވިޑް19 ފެތުރެމުން އަންނާތީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރެވެން އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީޙަށް ކަމަށާއި އެކަމަކީ ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންތިހާބު ފަސް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ރާއްޖެއިން ވެސް ކޮވިޑް19 ފެނިފައިވުމާއި އަދި އެކަމުގެ ސަބަބުން މުޅި ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމާއި ގުޅިގެންނެވެ. އެހެންކަމުން މި މަހުގެ 15ވަނަ ދުވަހު އިލެކްޝަނުން އިންތިހާބު ފަސް ކުރުމުގެ ގޮތުން މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް މިހާރު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސޯސް އިން ބޭރުން ނިންމި ނިންމުންތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި، އިންތިހާބެއް ބާތިލްކޮށް ފަސްކުރުމަކީ ސުޕްރީމް ކޯޓާ ގުޅުންހުރި ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން އިންތިހާބު ފަސް ކުރުމުގެ ފަރުވާ ހޯދެން އޮތް ތަނަކަށް ރައްޔިތުންގެ މަޖިލީސް ކަމަށާއި ހުދު މެންބަރުންވެސް އެ ނުކުތާއަށް ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ނަޝީދު ސިފަ ކުރެއްވިއެވެ.

ކައުންސިލް އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަންނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ވަނީ ނިންމައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.