މެލޭޝިޔާގެ އެކި ހިސާބުތަކުގެ ސުޕަމާޓުތަކުގެ ހަރުގަނޑުތައް ފެންނަނީ ހުހަށް!

މެލޭޝިޔާގެ ސުޕަމާޓެއްގެ ހަރުގަނޑު -- ފޮޓޯ / މުއާޒު ހަލީމް

އިއްޔެ އެކަނިވެސް މެލޭޝިއާއިން 190 މީހަކުވަނީ މި ބައްޔަށް ޕޮޒޓިވް ވެފައެވެ. މިއީ އެންމެ ދުވަހެއް ތެރޭގައި މެލޭޝިއާއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި އެންމެ ގިނަ އަދަދެވެ. އަދި މި މީހުން ޕޮޒިޓިވް ވުމާއެކު މެލޭޝިއާ ވަނީ ދެކުނު އިރުމަތީ އޭޝިޔާގައި ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ގައުމެއްގެ ގޮތުގައި ހިމެނިފައެވެ. ކޮވިޑް-19 ޖެހިފައިވާ 553 ކޭސް ވަނީ ފެނިފައެވެ. އަދި އެ ބަލި ޖެހުނު މީހުންގެ ތެރެއިން 42 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. މިރޭގެ ވަގުތެއްގައި މުޅި މެލޭޝިޔާ މިވަނީ ލޮކްޑައުން ކޮށްފައެވެ.

މިއާއެކުގައި މެލޭޝިޔާގެ ކާބޯތަކެތި ވިއްކާ ބޮޑެތި ސުޕަމާޓުތަކުން ފެނުނީ މުޅިން އެހެން މަންޒަރުތަކެކެވެ. އެ ފިހާރަތަކުގައި ތަކެތި ބަހައްޓާފައި ހުރި ހަރުގަނޑުތައް ހުރީ ހުސްވެފައެވެ. ސުޕަމާޓަކީ ގިނަ ތަކެތި އެއްފަހަރާ ގަތުމަށްޓަކައި މީހުންދާ ތަނެއްކަމުން އެތަންތަނުގައި ހުންނަ ޓްރޯލީތަކުގެ ތެރެއިން އެކަތިވެސް ނެތެވެ. މީހުން ފިތި ބާރުވެފައެވެ. ކޮވިޑް19 ގެ ބިރުން މީހުން ގެއިން ނުނިކުމެ ތިބުމަށް ކާބޯތަކެތި އެއް ކުރުމަށް ސުޕަމާޓުތައް ފުރާލީއެވެ.

މެލޭޝިޔާގެ ސުޕަމާޓެއްގެ ހަރުގަނޑު -- ފޮޓޯ / މުއާޒު ހަލީމް

މީހުން ދަނީ އެ ގައުމުގައި އެތައް ސަތޭކަ ބަޔަކަށް ކޮވިޑް19 ގެ އަސަރު ކުރުމާއި އެކުގައި ކާބޯތަކެތި ހުސް ނުވާނެހެން އެއްފަހަރާ ގިނަ އަދަދެއްގެ ކާބޯތަކެތި ގަންނަމުންނެވެ. ނަމަވެސް އެ ގައުމު ލޮކްޑައުުން ކުރި ނަމަވެސް ގްރޯސަރީތައް ނުވަތަ ސުޕަމާޓުތައް ހުޅުވާފައިި ހުންނާނެއެވެ. މީގެއިތުރުން މެލޭޝިޔާގެ ބައެއް ސަރަހައްދުތަކުގައި ހުޅުވާފައި ހުންނަ މަޝްހޫރު ފްރެއިންޗައިޒުތަކުން ވެސް ފެންނަނީ ފަޅުކޮށެވެ.

ގިނަ އަދަދެއްގެ ދިވެހިންވެސް މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ މެލޭޝިޔާގައި ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އެކަނި ވެސް 125 މީހަކު ކޮވިޑް19 އަށް ޕޮޒޓިވް ވެފައިވާ އިރު މާދަމާއިން ފެށިގެން ދެ ހަފުތާގެ ނިޔަލަށް މެލޭޝިޔާ އެއްކޮށް ލޮކްޑައުން ވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސިން ވަނީ ގައުމާ މުހާތަބު ކުރައްވާ ވިދާޅުވެފައެވެ.

ކާބޯތަކެއްޗާއި ސިއްހީ ބައެއް އާލާތްތަކާއި ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ މެލޭޝިޔާގެ މިނިސްޓްރީ އޮފް ޑޮމެސްޓިކް ޓްރޭޑް އެންޑް ކޮންސިއުމާ އެފެއާޒު އަށް އެތަކެތި ހުސްވާނެހެން ކަންކަން ބެހެއްޓުމަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.

މެލޭޝިޔާގެ ސުޕަމާޓެއްގެ ތެރޭގައި މީހުން -- ފޮޓޯ / މުއާޒު ހަލީމް

މެލޭޝިޔާ ލޮކްޑައުންވާ ދުވަސްތަކުގައި މެލޭޝިޔާގެ އެއްވެސް ރައްޔިތަކަށް ގައުމުން ބޭރަށް ނުދެވޭނެއެވެ. އަދި އެހެން ގައުމަކުން އަންނަ މެލޭޝިޔާގެ ރައްޔިތުންވެސް 14 ދުވަހު ކަރަންޓީން ކުރާނެއެވެ. މީގެއިތުރުން އެހެން އެއްވެސް ގައުމެއްގެ ރައްޔިތަކަށް މި ދުވަސްވަރު މެލޭޝިޔާއަށް އެތެރެ ނުވެވޭނެއެވެ.

ހުރިހާ ސްކޫލުތަކާއި ޔުނިވާސިތީތަކާއި ކޮލެޖުތައް ވެސް މި މުއްދަތުގައި ބަންދުވާއިރު މިއަދު ވަނީ ބައެއް ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި އޮންލައިންކޮށް ކިޔަވައި ދިނުމަށް ނިންމާފައެވެ. ސަރުކާރު އޮފިސްތަކާއި ޕްރައިވެޓު އޮފީސްތައް މިދުވަސްވަރު ބަންދުވާއިރު ބައެއް މުހިއްމު ހިދުމަތްތައް ދޭ ކުންފުނިތައް ބަންދެއް ނުކުރާނެއެވެ. އެގޮތުން ފެނުގެ ހިދުމަތް ދޭ ކުންފުނިތަކާއި ޕެޓްރޯލް ސްޓޭޝަންތައް ފަދަ ތަންތަނާއި ބޭންކުތަކުގެ ހިދުމަތް ލިބިގެންދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.