ކޮވިޑް19 އާ ގުޅިގެން ބުދަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް މެލޭޝިޔާ ލޮކްޑައުން ކޮށްފި

މެލޭޝިއާ/ ފޮޓޯ: ބްރިޓެނިކާ

ދުނިޔޭގައި ހަލުވި ކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ފެނިފައިވާ މެލޭޝިޔާ އަންނަ ބުދަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ލޮކްޑައުން ކޮށްފިއެވެ.

މިކަން އިއުލާން ކުރީ މިރޭ މެލޭޝިޔާގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އޭނާގެ ވާހަކަފުޅުގައި މެލޭޝިޔާ ލޮކްޑައުންވާ ދުވަސްތަކުގައި މެލޭޝިޔާގެ އެއްވެސް ރައްޔިތަކަށް ގައުމުން ބޭރަށް ނުދެވޭނެ ކަަމަށާއި އަދި އެހެން ގައުމަކުން އަންނަ މެލޭޝިޔާގެ ރައްޔިތުންވެސް 14 ދުވަހު ކަރަންޓީން ކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އެހެން އެއްވެސް ގައުމެއްގެ ރައްޔިތަކަށް މި ދުވަސްވަރު މެލޭޝިޔާއަށް އެތެރެ ނުވެވޭނެ ކަމަށްވެސް ބޮޑުވަޒީރު މުހުޔިއްދޫން ޔާސީން ވިދާޅުވިއެވެ.

"ހުރިހާ ސްކޫލުތަކާއި ޔުނިވާސިތީތަކާއި ކޮލެޖުތައް ވެސް މި މުއްދަތުގައި ބަންދުވާނެ، ސަރުކާރު އޮފިސްތަކާއި ޕްރައިވެޓު އޮފީސްތައް ބަންދު ކުރާނެ، އެކަމަކު ބައެއް ކަހަލަ މުހިއްމު ހިދުމަތްތައް ދޭ ކުންފުނިތައް ބަންދު ނުކުރާނެ، އެގޮތުން ފެނުގެ ހިދުމަތް ދޭ ކުންފުނިތަކާއި  ޕެޓްރޯލް ސްޓޭޝަންތައް ފަދަ ކުންފުނިތަކާއި ބޭންކުތަކުގެ ހިދުމަތް ލިބިގެންދާނެ، އެތަންތަން ބަންދެއް ނުކުރާނަން،" މުހުޔިއްދީން ވިދާޅުވިއެވެ.

މެލޭޝިޔާ ލޮކްޑައުން ކޮށްފައިވާއިރު އެގައުމުން ކޮވިޑް-19 ޖެހިފައިވާ 553 ކޭސް ވަނީ ފެނިފައެވެ. އަދި އެ ބަލި ޖެހުނު މީހުންގެ ތެރެއިން 42 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *