ކޮވިޑް19 އާއި ގުޅިގެން މެންބަރުންގެ މުސާރަ ކުޑަކުރުމަށް އެމްޑީޕީ އިން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިސް އިދާރާ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހަޅައިފި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިސް މެންބަރުންގެ މުސާރައިގެ 20 އިންސައްތަ އުނިކޮށް ދިނުމަށް އެމްޑީޕީ ޕާލިމަންޓް ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝިދު މެދުވެރިކޮށް، މާލިއްޔަތު ކޮމިޓީއަށް މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މިއަދު ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކުޑަކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރްވަނީ އެދިވަޑައިގެންފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިކަމާއި ގުޅިގެން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައި ބުނެފައިވާ ގޮތުގައި، މުޅި އަހަރު ދުވަހުގެ ތެރޭގައި މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކުޑަކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ކޮވިޑް19 ރާއްޖޭގައި ފެތުރުމާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދަށްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.