އުމުުރުން ދުވަސްވީ މީހުން ތިބި ތަންތަން ދެނެގަންނަނީ

އުމުރުން ދުވަސްވީ މީހުން/ ފޮޓޯ- ޑޮކްޓާ ޑޮޓް އެމްވީ

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި އުމުުރުން ދުވަސްވީ މީހުން ތިބި ތަންތަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތުތައް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް19 ބަލި ޖެހިއްޖެ ނަމަ އެކަމުގެ އެންމެ ގެއްލުން ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އުމުރުން ދުވަސްވީ މީހުން ތިބި ސަރަހައްދުތަކާއި އެ ފަރާތްތަކުގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ޓީމަކުން ކުރަމުން ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް19 އަށް 13 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. އެ މީހުންގެ ތެރެއިން 9 ފަރާތަކީ އިޓަލީއަށް ނިސްބަތްވާ މީހުންނެވެ. އަދި ތުރުކީ ވިލާތުގެ އެކަކު ހިމެނޭއިރު ދެކުނު އެފްރިކާގެ އެއް ފަރާތަކާއި ޖަރުމަން ވިލާތުގެ އެއް ފަރާތުގެ އިތުރުން، އިނގިރޭސިވިލާތުގެ އެއް ފަރާތެއް ހިމެނެއެވެ. އަދި އޭގެ ތެރެއިން ހަ ފަރާތަކީ ފިރިހެން ކަމަށާއި، ހަތް ފަރާތަކީ އަންހެނުންނެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުން އަންނާތީ ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ސްކޫލުތަކާއި ޔުނިވާސިޓީތަކާއި ކޮލެޖުތައް ވެސް ވަނީ ދެ ހަފްތާ ބަންދު ކުރުމަށް އަންގާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.