ކޮވިޑް19: މެލޭޝިއާގެ ޔުނިވާސިޓީތައް ބަންދުކޮށް އޮންލައިންކޮށް ކްލާސްތައް ނަގަނީ

މޭލޭޝިއާ/ ފޮޓޯ- ގޫގުލް

ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާގެ ގިނަ ޔުނިވާސިޓީތަކެއް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އިއްޔެ އެކަނިވެސް މެލޭޝިއާއިން 190 މީހަކުވަނީ މި ބައްޔަށް ޕޮޒޓިވް ވެފައެވެ. މިއީ އެންމެ ދުވަހެއް ތެރޭ މެލޭޝިއާއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި އެންމެ ގިނަ އަދަދެވެ. އަދި މި މީހުން ޕޮޒިޓިވް ވުމާއެކު މެލޭޝިއާ ވަނީ ދެކުނު އިރުމަތީ އޭޝިޔާގައި ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ގައުމެއްގެ ގޮތުގައި ހިމެނިފައެވެ.

މެލޭޝިއާއިން މިހާތަނަށް ޖުމްލަ 428 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން މިހާތަނަށް އެއްވެސް މީހަކު މަރުވެފައި ނުވެއެވެ. އަދި އޭގެތެރެއިންވެސް 42 މީހަކުވަނީ މި ބަލިން ސަލާމަތް ވެފައެވެ. އަދި ސީރިއަސް ހާލަތުގައި 9 މީހަކަށް ފަރުވާ ދެމުން އެބަދެއެވެ.

މެލޭޝިއާގައި ކޮރޯނާވައިރަސް ހަލުވިކަމާއިއެކު ފެތުރެމުންދާއިރު އެ ގައުމުގެ ބައެއް ޔުނިވާސިޓީތައް ބަންދުކޮށް، އޮންލައިން ކްލާސްތައް ވަނީ ފަށާފައެވެ. އަދި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންވެސް ކިޔަވަމުން އަންނަ ޔުނިވާސިޓީ ތައްވެސް ދަނީ ބަންދުކޮށް، އޮންލައިން ކްލާސްތައް ނަގަމުންނެވެ. އަދި ބައެއް ޔުނިވާސިޓީތައް ދަނީ އޮންލައިންކޮށް ކިޔަވައި ދިނުމުގެ ތައްޔާރީތައް ވަމުންނެވެ.

އޭގެތެރޭގައި ހިމެނޭ ބައެއް ޔުނިވާސިޓީ ތަކަކީ:

ޓޭލާސް ޔުނިވާސިޓީ

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ

އޭޝިއާ ޕެސިފިކް ޔުނިވާސިޓީ

ޔޫއޯޑަބްލިއު މެލޭޝިއާ ކޭޑީޔޫ

ލިމްކޮކްވިންގް ޔުނިވާސިޓި އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ

ސަންވޭއި ޔުނިވާސިޓީ

އަދި މި ނޫނަސް އެ ގައުމުގެ އެހެން ޔުނިވާސިޓީތައް ވެސް އޮންލައިން ކްލާސްތައް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. މެލެޝިޔާގެ ސަރުކާރުން ބުނީ، ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހުރިހާ ބާވަތެއްގެ ބައްދަލުވުންތަކާއި ކުޅިވަރާއި އިޖުތިމާއީ، އަދި ދީނީ ހަރަކާތްތައް ފަސްކުރަން ވަނީ ނިންމާފައެވެ. އެފަދަ އެއްވެސް އެއްވުމެއް ނުވަތަ ބައްދަލުވުމެއް ވިޔަސް ދެން ބޭއްވޭނީ އަންނަ އެޕްރީލް މަހުގެ ފަހުން ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

މުޅި ދުނިޔޭގައި މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް 169،964 ކޭސް ފެނިފައި ވާއިރު، އޭގެތެރެއިން 6،523 މީހަކު ވަނި މަރުވެފައެވެ. ޑަބްލިއުއެޗްއޯ އިން ވަނީ ކޮވިޑް19 އަކީ ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއް ކަމަށް އިއުލާންކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *