ޝެރަޓަން އައިލެންޑް ރިސޯޓާއި މީރު އައިލެންޑް ރިސޯޓުން ޓެސްޓުކުރި އެންމެން ނެގެޓިވް

ޝެރަޓަން އައިލެންޑް ރިސޯޓް/ ފޮޓޯ- ގޫގުލް

ޝެރަޓަން އައިލެންޑް ރިސޯޓާއި މީރު އައިލެންޑް ރިސޯޓުން ކޮވިޑް19 އަށް ޓެސްޓު ކުރި 14 މީހުންގެ ނަތީޖާވެސް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ޝެރަޓަން އައިލެންޑް ރިސޯޓުން ނެގި 2 ޓެސްޓުގެ ނަތީޖާވެސް ނެގެޓިވް ކަމަށެވެ. އަދި މީރު އައިލެންޑް ރިސޯޓުން ނެގި 12 ޓެސްޓުގެ ނަތީޖާވެސް ނެގެޓިވް ކަމަށެވެ.

އަދި މިއާއެކު މި ދެ ރިސޯޓުވަނީ މޮނީޓަރިންގެ ހާލަތުން ނަގައި، ދެ ރަށަށްވެސް އަރާ ފޭބޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބިދޭސިންނެވެ. އޭގެތެރެއިން ކުރެއްދޫއިން ފަސް މީހަކު ޕޮޒިޓިވް ވެފަައިވާއިރު، ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކު، ކުރަމަތި އައިލެން ރިސޯޓުން ދެ މީހަކު، އަނަންތަރާއިން ދެ މީހަކު އަދި އައިލެންޑް ސަފާރީއިން ވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ވަނީ ރާއްޖޭގެ ސިއްހީ ކުއްލި ހާލަތުވެސް އިއުލާންކޮށްފައެވެ.

މި ބަލިން ރައްކާތެރިވުމަށް ރާއްޖެއިން މުހިއްމު ފިޔަވަޅުތަކެއް އިއްޔެ ވެސް ވަނީ އަޅާފައެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން މަނާކުރުމާއި، މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓްހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކުރުމުގެ އިތުރުން ކޮލްޖުތަކާއި ޔުނިވާސިޓީތައްވެސް ދެ ހަފްތާއަށް ބަންދުކުރަން ވަނީ އަންގާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.