ޑައިރެކްޓު ކޮންޓެކްޓުވި މީހާ ހުރީ ހުޅުމާލޭގައި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

އަނަންތާރާ ދިގު ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި ބިދޭސީ މީހާއާ ކޮންޓެކްޓުވި ދިވެއްސެއްގެ ފަރާތުންް ބަލީގެ އަލާމާތްތައް ފެނިގެން އެ މީހާ ޓެސްޓު ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރަމުން އަންނައިރު އެމީހާ އެންމެފަހުން ހުރީ ހުޅުމާލޭގައި ކަމަށް ސަރުކާރުން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ދިވެހި މީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެމީހާ އަކީ އެ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓު ކޮންޓެކްޓުވި މީހެއްކަމަށް ފާހަގަވެފައިވާ ކަމަށެވެ. އެޗްޕީއޭ އިން ބުނީ މިހާރު އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަމުންދާތީ އޭނާގެ ސާމްޕަލް ނަގައި، ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހާ ހުރީ އަނަންތަރާ ދިގު ރިސޯޓަކު ނޫން ކަމަށާއި ކޮންޓެކްޓް ޓްރޭސިންއިން އޭނާ ފާހަގަކުރެވުނުއިރު އޭނާ ހުރީ ހުޅުމާލޭގައި ކަމަށެވެ. އެހެންކަމުން އޭނާއާ ކޮންޓެކްޓްވި މީހުން ވެސް ފާހަގަ ކުރަމުންދާ ކަމަށް މަބުރޫކު އަޒީޒު ވިދާޅުވިއެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ބައްޔަށް ރާއްޖެއިން ޕޮޒުޓިވް ވެފައިނީ ބިދޭސީންނެވެ. ރާއްޖޭގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. އެކަން އިއުލާން ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.