ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް 212 މިލިއަން ރުފިޔާގެ ބަޖެޓެއް

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު : ފޮޓޯ / މަޖިލިސް

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން މުޅި ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން، 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަަދައްކަވަމުން ކޮވިޑް19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ކޮންޓިންޖެންސީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 212 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ އަދަދަކީ ރާއްޖެއަށް ލިބޭ ހިލޭ އެހީތަކުގެ ތެރޭގައި ހިމެނޭނެ އަދަދެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
ކޮވިޑް19 އާ ގުޅިގެން ދިވެހި ގައުމާއި މުހާތަބު ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާގޮތުން، ކޮވިޑް19ގެ ސަބަބުން އިގްތިސާދަށް އެންމެބޮޑަށް ލޮޅުންއަރާނެ ގައުމެއްގެ ގޮތުގައި، ރާއްޖެ ފާހަގަކުރެވޭ ކަމަށެވެ. މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެފައިވާ ކަމަށެވެ.

މިހާރު ހަދާފައި ހުރި ބުކިންގތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކުރިން ސަރުކާރުން އަންދާޒާ ކޮށްފައި އޮތީ، މި އަހަރުގެ ފަތުރުވެރިކަން، 8 އިންސައްތަ ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އަންދާޒާކޮށްގެން ތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށެވެ. ނަމަވެސް ކޮވިޑް19ގެ ސަބަބުން، އިގްތިސޯދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.