ކޮވިޑް19: ނޭޕާލްއިންވެސް އޮން އެރައިވަލް ވިސާދިނުން މެދުކަނޑާލައިފި

ނޭޕާލްގެ ކަތްމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓޮ/ ފޮޓޯ-ޓުޑޭއި

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ނޭޕާލް އަށް ދަތުރުކުރާ މީހުންނަށް ވެސް އޮން އެރައިވަލް ވިސާ ދިނުން މެދެކަނޑާލައިފިއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާތީ ނޭޕާލްއިން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް، އެ ގައުމަށް ދަތުކުރާ ހުރިހާ ގައުމެއްގެވެސް މީހުންނަށް އޮން-އެރައިވަލް ވިސާ ލިބުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އަދި ފަތުރުވެރިން ނޭޕާލްއަށް ޒިޔާރަތް ކުރާނަމަ ކޮވިޑް19 ނެތްކަން އަންގައިދޭ މެޑިކަލް ލިޔުމެއް (ނޭޕާލަށް އެތެރެވާ ތާރީހަށް 7 ދުވަސް ހަމަ ނުވާ) އެ ގައުމެއްގެ ކަމާއި ގުޅުން ހުރި އިދާރައަކުން ހޯދައި އެލިޔުން ހިފައިގެން ދަތުރު ކުރުމަށް ނޭޕާލް ސަރުކާރުން އަންގަވާފައިވެއެވެ.

މީގެ އިތުރުން ހުރިހާ ފަތުރުވެރިންވެސް ނޭޕާލްއަށް ދިޔުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓީންގައި ތިބެން ޖެހޭނެ ކަމަށްވެސް ނޭޕާލް ސަރުކާރުން އަންގަވާފައިވެއެވެ.

ނޭޕާލްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ނޭޕާލްގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ނޭޕާލްއަށް ދަތުރުކުރާ ފަރާތްތަކުންނާއި ނޭޕާލްގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިމިނިސްޓްރީގައި ރެޖިސްޓްރީ ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި ފޮރިން މިނިސްޓްރީން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.