ކޮވިޑް19: ލޯނުތައް ދެއްކުމަށް ލުއި ގޮތްތަކެއް ހޯދައިދެނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް-

ރާއްޖޭގައިވެސް ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ބޭންކު ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޓްރެސްޓް ރޭޓުތައް ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަކީ ވިޔަފާރިތައް ހިންގޭނެކަން ޔަގީން ކުރުމަށް މިވަގުތަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އަދި މިފަދަ ކޮންމެ ފިޔަވަޅަކީ ވެސް ވަޒީފާގައި މީހުން ބޭތިއްބުމަށް ވެސް މަގުފަހިވެގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރައީސް ވިދާޅުވީ ސަރުކާރުން އަންދާޒާކޮށްގެން ތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށް ކަމަށާއި ނަމަވެސް ކޯވިޑް19ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށެވެ.

މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި ޢަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.