ކޮވިޑް19: ޑޮލަރު ލިބުން ދަތިވެ، އަގު މައްޗަށް އަރައިފި!

ޔޫއެސް ޑޮލަރުތައް ގުނަނީ/ ފޮޓޯ- ގޫގުލް

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް އަރައިފިއެވެ.

ބާޒާރުގައި ކުއްލިއަކަށް ޑޮލަރުގެ އަގު މައްޗަށް އަރާފައިވަނީ، ކޮވިޑް19 ފެތުރުމާއެކު ފަތުރުވެރިކަމަށް އައި ހީނަރުކަމުގެ ސަބަބުންނެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނީ 16.35ރ. އާއި 16.20ރ. ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ޑޮލަރު ގަންނަން ހުރީ 16.10ރ. އާއި 16ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި މިއީ މިފަހުން ޑޮލަރުގެ ރޭޓަށް މިހާ ބޮޑު ބަދަލެއް އައި ފުރަތަމަ ފަހަރެވެ.

މީގެ ހަފްތާއެއް ކުރިން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 15.50ރ. އާއި 15.70ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. ރާއްޖޭގައި ޑޮލަރުގެ ރޭޓަކީ 15.42ރ. އެވެ. އެހެން ނަމަވެސް އަބަދުވެސް ކަޅު ބާޒާރުގައި ޑޮލަރު އުޅެނީ އެ ރޭޓަށް ވުރެ މަތީގައެވެ.

ޑޮލަރުގެ އަގަށް މި އައި ބަދަލާ އެކު އިމްޕޯޓް ކުރާ ފަރާތްތަކުން ތަކެތި ވިއްކާ އަގުތައް ވެސް ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކުރިއަށް ދުވަސްކޮޅު ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު ވެސް ބޮޑުވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ބައެއް ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑު ނުވާ ކަމުގައި ވަނީ ނަމަ އެތަންތަނުން ވިއްކާ މުދަލުގެ އަގުވެސް ރައްޔިތުންނަށް ވަކި ބޮޑެއް ނުކުރާނެއެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އެއާއެކު ރާއްޖޭގެ އިގްތިސޯދުގެ މައި ނާރު ކަމަށްވާ ފަތުރުވެރިކަމަށް ވެސް ވަނީ ބޮޑު ހީނަރު ކަމެއް ލިބިފައެވެ. އެއީ ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވެސް ވައްދާ އަދި އާމްދަނީ ވެސް އެންމެ ބޮޑަށް ވައްދަމުން ގެންދާ އެއް ސިނާއާތެވެ. ނަމަވެސް އެ ސިނާއަތަށް އެޅި ބޮޑު ލޮޅުމާއި އެކުގައި ގިނަ ރިސޯޓައް ހިންގާ ކުންފުނިތަކުން ވެސް އަންނަނީ މުވައްޒަފުންގެ މުސާރަތައް ކުޑަކޮށް މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *