ހިދުމަތްތަކަށް ބުރޫނާރާނެހެން، ނެރެވެން އޮތް އެންމެ މަދު މުވައްޒަފުން ނެރުމަށް އަންގައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެބިނެޓު ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ހިދުމަތް ދެވޭނެގޮތުގެ ޕްލޭނެއް އެކުލަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިވިލް ސާވިސް ކޮމިޝަނަށް އަންގަވައިފިއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އަކީ ފަސޭހައިން ގައިންގަޔަށް އަރާ ރޯގާއަކަށްވެފައި އެ ރޯގާ ރާއްޖޭގައިވެސް ފެތުރެމުންދާތީ، އެ ރޯގާ ފެތުރުން ކުޑަކުރުމަށާއި، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސަރުކާރުގެ އޮފީސްތަކުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކުގައި އަޅަންވީ ފިޔަވަޅުތައް ރައީސް ވަނީ އެ ކޮމިޝަނަށް އަންގާފައެވެ.

ކޮވިޑް-19 ގެ އަލާމާތެއް ފެނިގެން މަސައްކަތަށް ނުނިކުތުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ލަފާ ދީފިނަމަ އެ މުވައްޒަފު މަސައްކަތަށް ނުނެރުމަށާއި، ބައްދަލުވުންތަކާއި ހަފުލާތަކާއި ތަމްރީނު ޕްރޮގްރާމުތައް ސަރުކާރުގެ އޮފީސްތަކުން ނުރޭވުމަށާއި، ކޮންމެހެން ބާއްވަންޖެހިއްޖެ ބައްދަލުވުމެއްނަމަ ޓެލެކޮންފަރެންސިންގ ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިންތިޒާމުކުރުމަށާއި، ޚިދުމަތެއް ހޯދުމަށް ފިންގަރޕްރިންޓް ޖަހަންޖެހޭ ގޮތަށް ސަރުކާރުގެ އޮފީހަކުން ހަމަޖައްސާފައިވާނަމަ ފިންގަރޕްރިންޓް ނެގުމަކާ ނުލައި ޚިދުމަތް ދޭގޮތަށް ހަމަޖެއްސުމަށް ރައީސް ވަނީ ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައެވެ.

ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ޚިދުމަތް ދެވޭނެގޮތުގެ ޕްލޭނަކާއި، ކޮވިޑް 19 ގެ އަލާމާތްތައް ހުރި މުވައްޒަފަކު އޮފީހުގެ ތެރެއިން ފެނިއްޖެނަމަ، އޮފީހުގެ ތެރޭގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ބަޔާންކުރާ ޕްލޭނެއް 2020 މާރިޗު 16 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އިދާރާތަކުން ތައްޔާރުކުރުމަށްވެސް،" ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވާފައެވެ.

އޮރެންޖް އެލަރޓް ލެވެލް އެ ސަރަހައްދެއްގައި އިޢުލާނުކޮށްފިނަމަ، ހިތުގެ ބަލިބަޔާއި، ފުއްޕާމޭގެ ބަލިބައްޔާއި، ކެންސަރު ބައްޔާއި، ހަކުރު ބައްޔާއި، ލޭމައްޗަށް ދިޔުންފަދަ ބަލިތައް ހުންނަ މުވައްޒަފުންނާއި، މާބަނޑު މުވައްޒަފުންނާއި، އުމުރުން 55 އަހަރަށްވުރެ ދޮށީ އުމުރުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ 30 ދުވަހުގެ މުއްދަތަށް ތިބުމުގެ ފުރުޞަތު އެ މުވައްޒަފުންނަށް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ރަތް އެލަރޓް ލެވެލްގައި ސަރުކާރުގެ އިދާރާތަކުން ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން މުވައްޒަފުން މަސައްކަތަށް ނުނެރުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް އެ ގޮތުގެ މަތިން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށާއި، ކޮވިޑް 19 އާ ގުޅިގެން މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައާއި ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަސްތަކުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެއްވަމުންގެންދެވުމަށްވެސް ރައީސް ވަނީ ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައެވެ.

މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައި ރަށުން ބޭރަށް ދިޔުމާއި، އެކި ކަންކަމުގައި ގެއިން ބޭރަށް ދިޔުން ވީހައިވެސް މަދުކުރެއްވުމަށް މުވައްޒަފުންނަށް އެންގެވުމަށްވެސް ވަނީ ސީއެސްސީއަށް ރައީސް ވަނީ އަންގަވާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ސަރުކާރުން ވަނީ މުޅި ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.