1 ޓަނުގެ ފެން ފޯރުކޮށްދެނީ ބިލް ތަކުން އުނިކޮށްގެން

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހު/ ފޮޓޯ: ހަތާވީސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވާތީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، އެއް ޓަނުގެ ފެން ހިލޭ ދިނުމަށް އެމްޑައިބްލިއުއެސްސީ އިން ނިންމާފައިވައިރު، އެ ފެން ފޯރުކޮށްދެނީ ބިލް ތަކުން އުނިކޮށްގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވެފައިވަނީ މިއަދު އެ ކުފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. ޝާހް ވިދާޅުވި މިއާއެކު ފެން ކުންފުނީގެ 44،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް އެއް ޓަނު ފެން ހިލޭ ލިބޭނެ ކަމަށާއި، އެއް ޓަނުގެ ފެން ދިނުމަށް އެ ކުންފުނިން ތިން މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ.

ޝާހް ވިދާޅުވީ އެއް ޓަނުގެ ފެން ފޯރުކޮށްދެނީ ހަމައެކަނި އެ ކުންފުނީގެ ކަސްޓަމަރުންނަށް ކަމަށެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ އެ ކުންފުނިން އެގޮތަށް ނިންމާފައިވަނީ، ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުން އަޅަންޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުން ކަމަށް ވެފައި، ކަމާ ބެހޭ ރަސްމީ ފަރާތްތަކުންނާއި ސިއްހީ މާހިރުން އެކަން ކުރުމަށް އިރުޝާދު ދެއްވާފައިވާއިރު، އެކަމުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ގޮތެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

އެމްޑަބްލިއުއެސްސީ އިން ވަނީ އަތް ދޮވުމަށާއި އަދި އެހެނިހެން ކަންކަމަށް ފެން ބޭނުން ކުރުމުގައި ޒިންމާދާރު ކަމާއެކު ވީހާވެސް އިސްރާފު ކުޑަވާނެހެން ހުރިހާ ފަރާތްތަކުންވެސް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން 11 މީހަކުވަނީ ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން ކުރެއްދޫ ރިސޯޓުން 5 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސޭންޑީޒް ބަތަލާ ރިސޯޓން 2 މީހަކު، ކުރަމަތި ރިސޯޓުން 2  މީހެއްގެ އިތުރުން އަނަންތަރާ ރިސޯޓުން 2 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. މިހުރިހާ އެންމެނަކީވެސް ބިދޭސީންނެވެ. ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.