ދީނަށް ފުރައްސާރާ ކުރި ރުސްތަމް އަނެއްކާވެސް ހައްޔަރުކޮށްފި

ފުލުހުންގެ ދިދަ --

އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހާ ޓްވީޓާގައި ވާހަކަދައްކަމުން އަންނަ އުމުރުން 37 އަހަރުގެ މުހައްމަދު ރުސްތަމް މުޖުތުބާ އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިސްލާމްދީނަށް ތައުހީން ކުރުމުގެ ނިޔަތުގަ އިސްލާމް ދީނަށް ފާޑުކިޔާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކޮށް، މުޖްތަމައުގެ ސުލްހަ މަސަލަސްކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ގދ. ތިނަދޫއަށް ނިސްބަތްވާ މުޖުތަބާ އަނެއްކާވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ. އަދި ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

މުޖުތަބާވަނީ މިދިޔަ އަހަރުވެސް ދީނަށް ފުރައްސާރަކޮށްގެން ފުލުހުން ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ ދީނަށް ފުރައްސާރަ ކޮށްގެން ރުސްތަމް ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގައި ކަމަށެވެ. އެ މައްސަލާގެ ތަހުގީގުކޮށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ 2019 ވަނައަހަރުގެ، އޮކްޓޯބަރު މަހުގެ ދިހަ ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ފުލުހުންގެ ހައްޔަރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ކަރެކްޝަންގެ ބަދަލު ކުރި ކަމަށާއި އޭނާގެ މައްސަލަ ކޯޓުގައި އޮއްވާ މި މަހުގެ ނުވަ ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އޭނާ ދޫކޮށްލަން އަމުރުކުރީ ތިނަދޫ މެޖިސްޓްރޭޓު ކޯޓުންނެވެ. އަދި އޭނާ ދޫކުރި ފަހުންވެސް ޓްވީޓާ ގައި އަންނަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން ވާހަކަދައްކަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *