ޓޫރިސްޓު ސަޕޯޓު ސެންޓަރެއް ހުޅުވައިފި

ވީއައިއޭގައި ފުރަން ގޮސް ތިބި ފަތުރުވެރިންތަކެއް - ފޮޓޯ: މިހާރު

ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް19 އާއި ގުޅިގެން ޓޫރިސްޓު ސަޕޯޓު ސެންޓަރެއް ގާއިމްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ޓޫރިސްޓު ސަޕޯޓު ސެންޓަރުން ހުޅުވާފައިވަނީ ހުޅުލޭ އައިލޭންޑް ހޮޓަލާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަމަށެވެ. އަދި އޭގެ ބޭނުމަކީ ރާއްޖެއަށް އަންނަ ފަރާއްތަކާއި، އަދި ފުރައިގެންދާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ސެންޓަރުތަކަކީ ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިސްޓު ޕޮލިސް އަދި އެމްއޭސީއެލް ގުޅިގެން ހިންގާ ސެންޓަރެކެވެ.

ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން 11 ޕޮޒިޓިވް ވެފައި ވެއެވެ. އޭގެތެރެއިން ކުރެއްދޫ ރިސޯޓުން 5 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސޭންޑީޒް ބަތަލާ ރިސޯޓން 2 މީހަކު، ކުރަމަތި ރިސޯޓުން 2 މީހެއްގެ އިތުރުން އަނަންތަރާ ރިސޯޓުން 2 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. މިހުރިހާ އެންމެނަކީވެސް ބިދޭސީންނެވެ.

މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން މަނާކުރުމާއި، މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓްހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކުރުމުގެ އިތުރުން ކޮލްޖުތަކާއި ޔުނިވާސިޓީތައްވެސް ދެ ހަފްތާއަށް ބަންދުކުރަން ވަނީ އަންގާފައެވެ. ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.