ކޮވިޑް19: ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ވަކީލުންގެ ބައްދަލުވުން މެދުކަނޑާލާ ފޯނު ކޯލު ދެނީ!

ފުލުހުންގެ ދިދަ --

ރާއްޖޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސްއާ ގުޅިގެން ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ވަކީލުންގެ ބައްދަލުވުންތައް މެދުކަނޑާލައިފިއެވެ.

ފުލުހުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ބަންދު މީހުންނަށް އާއިލީ ބައްދަލުވުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ކޮންމެ 10 ދުވަހަކުން 10 މިނެޓުގެ ފޯނު ކޯލެއް ކުރުމުގެ ފުރުސަތު ދެވިގެން ދާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަންދުގައި ހުންނަ އެއްވެސް މީހެއްގެ ފަރާތުން ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އެނޫން ހާލަތުގައިވެސް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދެވޭނެ ކަަމަށާއި އޭގެ ބަދަލުގައި ވަކީލުންނަށް ގުޅައިގެން ފޯނުން ވާހަކަ ދެއްކުމަށް 30 މިނެޓުގެ ފޯނު ކޯލުގެ ފުރުސަތު ދެވިގެން ދާނެ ކަމަށް ބުންޏެވެ.

ފުލުހުންގެ އިތުރުން ކަރެކްޝަނުން ވެސް ވަނީ ގައިދީންނަށް އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައެވެ. އަދި އާއިލާގެ ފަރާތުން ދެމުން ގެންދާ އަންނައުނުތައް ވެސް މިވަގުތަށް ވަނީ ގެނައުން މެދުކަނޑާލާފައެވެ.

ރާއްޖޭގައި ކޮވިޑް19 އަށް 10 މީހަކު ޕޮޒިޓިވްވެފައިވާއިރު މުޅި ރާއްޖެއަށް ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *