ބަންގްލަދޭޝްއިން އައި ދިވެއްސަކު ކަރަންޓީން ކޮށްފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ފެނިފައިވާ ބަންގްލަދޭޝް އިން އައި ދިވެއްސަކު ކަރަންޓީން ކޮށްފިއެވެ.

ބަންގްލަދޭޝް އިން އައި މީހާ ކަރަންޓީން ކޮށްފައިވާއިރު ރާއްޖެއިން ވެސް މިހާރު ވަނީ ކޮވިޑް19 ބަލި ފެނިފައެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ސަރުކާރުން ވަނީ ގިނަގުނަ ފިޔަވަޅުތަކެއް ވެސް އެޅުމަށް ނިންމާފައެވެ. އެގޮތުން ބަންގްލަދޭޝް އިން މީހުން މި ދުވަސްވަރު އެތެރެވުން ވަނީ މެދުކަނޑާލާފައެވެ. އެހެންނަމަވެސް އެގައުމުން މީހުންނާއި އިނދެގެން އުޅޭ މީހުން އެކަމުން އިސްތިސްނާ ވާނެއެވެ. އަދި ރާއްޖޭގެ މީހުންނާއި އިނދެގެން އުޅޭ އެގައުމުގެ މީހުންވެސް މި ފިޔަވަޅުން އިސްތިސްނާ ވާނެއެވެ.

ދާދިފަހުން ވެސް ބަންގްލަދޭޝް އިން އައިސްފައިވާ ދިވެއްސަކު ކަރަންޓީން ކުރިއެވެ. އޭނާ ކަރަންޓީން ކުރީ ބަންގްލަދޭޝް އިން ނިކުމެ ލަންކާގައި މަޑުކުރުމަށްފަހު އައިރު 14 ދުވަސް ހަމަ ނުވާތީ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަ ކުރެއެވެ.

ރާއްޖެއިން ކޮވިޑް19 އަށް މިހާރު 9 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ހުސް ބިދޭސީ މީހުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ބައްޔަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލި މަޑުކަމެއްގެ ގޮތުގައި އިއުލާން ކުރުމަށް ރާއްޖެއިން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.