ދީނަށް ފުރައްސާރަ ކުރަމުން އަންނަ މައްސަލަ އަންނަނީ ބަލަމުން: ފުލުހުން

ފުލުހުންގެ ދިދަ --

އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހާ ޓްވީޓާގައި ވާހަކަދައްކަމުން އަންނަ މީހާގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާ ވަޓްސްއަޕް ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެމީހާއަކީ މިދިޔަ އަހަރުވެސް ދީނަށް ފުރައްސާރަ ކޮށްގެން ފުލުހުން ހައްޔަރުކުރި މީހެކެވެ. ނަމަވެސް މިދިޔަ ބުރާފަތި ދުވަހު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. އޭނާއަކީ ގދ. ތިނަދޫ އަށް އުފަން މުހައްމަދު ރުސްތަމް މުޖުތަބާ ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ވަނީ ރުސްތަމް ދޫކޮށްލުމާއި ގުޅޭ ގޮތުން ވެސް ވާހަކަދައްކާފައެވެ. އެގޮތުން ފުލުހުން ބުނީ ދީނަށް ފުރައްސާރަކޮށްގެން ރުސްތަމް ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގައި ކަމަށެވެ. އެ މައްސަލާގެ ތަހުގީގުކޮށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ އޮކްޓޫބަރު 10 2019 ގައި ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ފުލުހުންގެ ހައްޔަރުން އޮކްޓޫބަރު 14، 2019 އިގައި ކަރެކްޝަންގެ ބަދަލު ކުރި ކަމަށާއި އޭނާގެ މައްސަލަ ކޯޓުގައި އޮއްވާ މި މަހުގެ ނުވަ ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ ދޫކޮށްލީ ތިނަދޫ މެޖިސްޓްރޭޓު ކޯޓުންނެވެ. އަދި އޭނާ ދޫކޮށްލީ ކުރީގެ ގާނޫނެއްގެ ދަށުން ހައްޔަރު ކުރި ކަމަށް ބުނެއެވެ. ރުސްތަމް ވަނީ 2040ގައި ރާއްޖޭގައި އޮންނާނީ މިނިވަން ފިކުރުގެ ދައުލަތެއް ކަމަށްބުނެ އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *