ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީން އެއްކޮށް މެދުކަނޑާލައިފި

އެމްޑީޕީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ- އެމްޑީޕީ ޓުވީޓާ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވެރިކަންކުރާ އެމްޑީޕީން ހިންގަމުން އައި ކެމްޕޭނުގެ ހުރިހާ ހަރަކާތެއް އެއްކޮށް މެދުކަނޑާލައިފިއެވެ.

ކުރިންވެސް އެމްޑީޕީން އެޕާޓީގެ ކެމްޕެއިން މެދުކަނޑާލިއެވެ. ނަމަވެސް އެފަހަރު މެދުކަނޑާލީ ރާއްޖޭގެ ހާލަތަށް ބެލުމަށްފަހު އަލުން ކެމްޕެއިންގެ ހަރަކާތްތައް ފަށަން ޖެހިއްޖެ ނަމަ ފަށާ ގޮތަށެވެ. އަދި ރާއްޖޭގެ ހާލަތު ރަނގަޅު ވަންދެން ސޯޝަލް މީޑިއާގައި ކެމްޕެއިންގެ ކަންކަން ކުރިޔަށް ގެންދިއުމަށް އެޕާޓީން ނިންމިއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ހަލުވި މިނަށް ބަލާ ސަރުކާރުން ވަނީ ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކެމްޕޭނުގެ ހުރިހާ ހަރަކާތެއް އެ ޕާޓީން މިހިސާބުން އެއްކޮށް މެދުކަނޑާލާފައިވާ ކަމަށެވެ. އެޕާޓީން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މިދަނޑިވަޅުގައި ކެންޑިޑޭޓުންނާއި ކެމްޕޭނު ޓީމުތަކުން ވެސް ކެމްޕެއިންގެ އެއްވެސް ކަމެއް ކުރިޔަށް ނުގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އެ ޕާޓީން ބުނީ އިންތިހާބު ފަސްކުރުމުގެ ސަބަބުން ކެމްޕޭން ކުރުމަށް ކެންޑިޑޭޓުންނަށް ލިބޭ މުއްދަތު ކުރުވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ކެމްޕޭނު ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމަށްފަހު އިންތިޚާބާ ދެމެދަށް ކެންޑިޑޭޓުންނަށް ލިބެނީ އެންމެ 6 ދުވަސްކަމަށްވާތީ، މިއީ ކެމްޕޭނެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ވަނީ ބުނެފައެވެ. އަދި އެ މުއްދަތަކީ ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ދިނުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތައްވުރެ އެތައް ގުނައަކަށް ކުޑަ މުއްދަތެއްކަން އެނގޭ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ އެ ޕާޓީއަކީ ފުޅާ މިނެއްގައި ކެމްޕޭނު ހަރަރަކާތް ހިންގައި، ރައްޔިތުންނަށް ފުރިހަމަ މައުލޫމާރު ފޯރުކޮށްދީ، އެ މައުލޫމާތަށް ބިނާކޮށް ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ހޯދައިދޭން ތާއީދުކުރާ ޕާޓީއެއް ކަމަށެވެ. އެހެންކަމުން ކެމްޕޭނު ކުރުމަށް ގާނޫނުގައި ބުނާ މުއްދަތު ކެންޑިޑޭޓުންނަށް ލިބޭނެކަން ކަށަވަރުކޮށްގެން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އެ ޕާޓީން ގޮވާލާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އޭޕްރިލް 18 ވަނަ ދުވަހަކީ މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލާ ދުވަސް ފަސްކުރެވޭ އެންމެ ފަހު ތާރީހު ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.