ދަރަވަންދޫ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފި

ދަރަވަންދޫ އެއާޕޯޓުގައި މޯލްޑިވިއަންގެ ބޯޓެއް: ފޮޓޯ / ސަން

ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް އޮންނަ އެއް އަތޮޅު ކަމަށްވާ ބ. އަތޮޅުގެ ދަރަވަންދޫ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ދަރަވަންދޫ އެއާޕޯޓު ބަންދުކުރީ އެ އެއާޕޯޓަށް ފުރަން ގޮސްފައި ހުރި މީހެއްގެ ގައިން ކޮވިޑް19 ގެ އަލާމާތްތަކެއް ފެނުމުންނެވެ. އަދި އޭނާއާ ކޮންޓެކްޓުވި އެންމެ މިހާރު ތިބީ އެއާޕޯޓުގައި އެކަހެރިކޮށްފައެވެ. އެނގިފައިވާ ގޮތުގައި މިވަގުތު އެރަށަށް ރިސޯޓުތަކުގެ ލޯންޗުތައް ވެސް ކައިރި ކުރުން މަނަލެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ކޮވިޑް19ގެ އަލާމަތްތައް ފެނިގެން ކަރަންޓީން ފެސިލިޓީތަކަށް ގެންދިޔަ މީހުންގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާ ވިދާޅުވީ ފަރުކޮޅުފުށީގައި މިވަގުތު 9 މީހަކު ތިބިއިރު ވިލިވަރު އައިސޮލޭޝަންގައި 17 މީހަކު އެބަތިބި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް 9 ކޭސްއެއް މިހާރު ވަނީ ފެނިފައެވެ. އެންމެ ފަހުން މި ކޭސްއަށް ޕޮޒިޓިވްވި މީހާ ފެނުނީ އަނަންތަރާ ރިސޯޓުންނެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ. ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން އަދި އެބަލި ފެތުރިގެންދާ ހަލުވި މިނަށް ބެލުމަށްފަހު ސަރުކާރުން މިހާރު ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.