ކޮވިޑް19: ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރު ދުވަސްވީ މީހާގެ ހާލު ދަށްވާން ފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލް-

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ޖެހިފައިވާ އިޓަލީގެ ފަތުރުވެރިޔާ ހާލަތު ދަށްވާން ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އޭނާ އަކީ އުމުރުން 70 އަހަރުގެ މީހަކަށް ވާތީ ޑޮކްޓަރުން ވަނީ އޭނާއަށް ގާތުން ފަރުވާ ދިނުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. އެހެންކަމުން އޭނާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް މީގެ ދުވަސްކޮޅެއް ކުރިން ބަދަލުކޮށްފައެވެ. އޭނައާ އެކުގައި އޭނާގެ އަންހެނުން ވެސް އެ ހޮސްޕިޓަލަށް ބަދަލުކުރިއެވެ. ނަމަވެސް ސަރުކާރުން އޭރު ބުނަމުން ދިޔައީ 70 އަހަރުގެ އެ މީހާގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އޭނާގެ އަންހެނުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީ އެމީހާގެ ހާލަތު ސީރިއަސް ވެގެން ނޫން ކަމަށާއި އެކަން ކުރީ އެއީ 70 އަހަރުގެ މީހާގެ އަނބިމީހާ ވާތީ ކަމަށެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ހާއްސަ ޑރ. މޫސާ މުރާދު ވިދާޅުވީ އެމީހާގެ ހާލަތު އެހާމެ ގޯސް ނޫން ނަމަވެސް ހޮސްޕިޓަލަށް ގެނައި އިރަށްވުރެ ހާލަތު ގޯސް ކަމަށެވެ. އެގޮތުން އޭނާގެ ހަށިގަނޑުގައި އޮކްސިޖަން ލެވަލް ދަށްވަމުން ދާތީ އޭނާއަށް އޮކްސިޖަން ދެމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް 9 ކޭސްއެއް މިހާރު ވަނީ ފެނިފައެވެ. އެންމެ ފަހުން މި ކޭސްއަށް ޕޮޒިޓިވްވި މީހާ ފެނުނީ އަނަންތަރާ ރިސޯޓުންނެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ. ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން އަދި އެބަލި ފެތުރިގެންދާ ހަލުވި މިނަށް ބެލުމަށްފަހު ސަރުކާރުން މިހާރު ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.