އަނަންތަރާ ރިސޯޓުން ކޮވިޑް19 އަށް ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ

އަނަންތަރާ -- ފޮޓޯ / އަގޯޑާ

އަނަންތަރާ ރިސޯޓުން ކޮވިޑް19 އަށް ބިދޭސީއަކު ޕޮޒިޓިވް ވެއްޖެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓު ޓްރޭސްވި 11 މީހަކު އައިސޮލޭޝަންގައި ބަހައްޓާފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތުތައް ފަހުން ހިއްސާ ކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ޕޮޒިޓިވްވި ބިދޭސީ މީހާއަކީ އަނަންތަރާގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއް ކަމެއް ނުވަތަ އޭނާއަކީ ފަތުރުވެރިއެއް ކަމެއް އަދި ނޭނގެއެވެ.

މިއީ ރާއްޖެއިން މި ބަލި ފެނުނު 9ވަނަ މީހާއެވެ. މިހާތަނަށް މި ބަލި ފެނިފައިވަނީ ރާއްޖޭގެ އެކިއެކި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ގައިންނާއި އަދި ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައި ތިބި ފަތުރުވެރިންގެ ގައިންނެވެ. އެންމެ ގިނައިން މީހުން ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުންނެވެ. އަދި ސޭންޑީޒް ބަތަލާއިން މި ބައްޔަށް ދެ މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ދެ މީހުންނަކީ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައިވާ ދެ ފަތުރުވެރިންނެވެ. ދެން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރަމަތި ރިސޯޓުގެ ދެ ބިދޭސީންނެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތުތައް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 98 މީހެއްގެ ސާމްޕަލް ނެގިފައިވާއިރު 81 ކޭސްއެއް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި އިތުރަށް ދެ ކޭސްގެ ނަތީޖާ ނުލިބޭ ކަމަށާއި ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ޓްރޭސްވި 243 މީހަކާއި ކޮންޓެކްޓް ޓްރޭސް ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ވަނީ އިއުލާން ކޮށްފައެވެ. އެކަން އިއުލާން ކުރެއްވީ ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *