6 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި ޑޮކްޓަރަކު ހައްޔަރުކޮށްފި

ހުޅުމާލެ/ ފޮޓޯ- އެޗްޑިސީ

އުމުރުން 6 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި އިންޑިޔާގެ ޑޮކްޓަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިމަހުގެ 12 ވަނަ ދުވަހުގެ ރޭގަނޑު 22:56 ހާއިރު ހުޅުމާލޭގައި، 6 އަހަރުގެ ފިރިހެން ކުއްޖަކަށް ސްޕީޗް ތެރަޕީދޭ ޑޮކްޓަރެއް އެކުއްޖާގެ ކަންފަތުގަ ހިފާ އަނިޔާ ކޮށްފައިވާ ކަމަށް ބުނި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ބެލި ބެލުމުން، އެ ޑޮކްޓަރު ކުއްޖާއަށް ތެރެޕީ ދެނީ އަމިއްލަ ހައިސިއްޔަތުން ޕްރައިވެޓް ޕްރެކްޓިސްގެ ތެރެއިން އެ ކުއްޖާގެ ގޭގައި ކަމަށެވެ.

މި މައްސަލަ ހިނގާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭގަ ކަމަށް މައުލޫމަތު ލިބޭ ކަމަށާއި، އަދި އެ ޑޮކްޓަރު މީހާ އެ ކުއްޖާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވިޑީއޯއެއްވެސް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަ ކުއްޖަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރި މައްސަލައިގެ ތުހުމަތުގައި އިއްޔެ 02:45 ހާއިރު ކޯޓު އަމުރެއްގެ ދަށުން އެ ޑޮކްޓަރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ ޑޮކްޓަރު މީހާއަކީ އުމުރުން 34 އަހަރުގެ އިންޑިޔާއަށް ނިސްބަތްވާ މީހެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

Leave a Reply

Your email address will not be published. Required fields are marked *