ކޮވިޑް19: އިކޮނޮމިކްސް އުނގައްނައިދޭ ކޮމިއުނިޓީ ވައިބާ ގުރޫޕެއް!

ސްކޫލު ދަރިވަރުންތަކެއް --- ފޮޓޯ އޭދަފުށި ޓައިމްސް

ހަލުވިކަމާއި އެކުގައި ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވާއިރު ރާއްޖޭގެ ސްކޫލުތައް ވެސް ހުޅުވުން ވަނީ ހަފްތާއަކަށް ފަސްކޮށްފައެވެ. އެއާއެކު ކިޔަވާ ކުދިންނަށް އޮންލައިންކޮށް ކިޔަވައި ދިނުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާއިރު އަމިއްލަ ފަރާތްތަކަކުން މިވަނީ ކޮމިއުނިޓީ ވައިބާ ގްރޫޕެއް މެދުވެރިކޮށް ދަރިވަރުންތަކަކަށް ކިޔަވައި ދިނުމުގެ މަސައްކަތް ފަށާފައެވެ.

މި ވައިބާ ގްރޫޕުން ކިޔަވާ ދެނީ ގްރޭޑު 10 އެއްގެ ދަރިވަރުންނަށް އިކޮނޮމިކްސްއެވެ. ޓީޗަރުންތަކެއް އިސް ނަގައިގެން ކުރަމުން ގެންދާ މި މަސައްކަތުގައި މިހާރުވެސް 500 އެއްހާ ދަރިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

"ރެސްޕޮންސް ރަނގަޅު، ހަ ގަޑިއިރުގެ ތެރޭގައި 500 އެއްހާ ދަރިވަރުން މި ގުރޫޕަށް ޖޮން ކޮށްފި. އަދި ގަޑިތަކާއި ޓޮޕިކްސްތަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް މިހާރު ވަނީ ރޭވިފައި. ދަރިވަރުން މިހާރުވެސް އެބަ ކުދިންނަށް ސުވާލު އުފެދޭ ކަންކަމުގެ ވާހަކަތައް އެބަ އަހާ، އަޅުގަނޑުމެން މިދަނީ އެކަ ވަސީލަތް ފޯރުކޮށްދެމުން،" ހަތާވީސް އޮންލައިން އަށް މި ކަމުގެ އިސްކޮށް އުޅުއްވާ އާލިމް މުހައްމަދު ވިދާޅުވިއެވެ.

އެ މަސައްކަތް ކުރާ ފަރާތްތަކުން މިކަން ކުރަމުން ގެންދަނީ މި ދުވަސްވަރަކީ ކޮވިޑް19 ވެސް ރާއްޖެއިން ފެނިފައިވާ ދުވަސްވަރެއް ކަމުން އަދި ސްކޫލުތައް ވެސް އިތުރު ހަފްތާއަކަށް ބަންދު ކޮށްފައިވާ ދުވަސްވަރެއް ކަމުން ކުދިންނަށް ގޭގައި ތިބެގެން ކިޔެވޭނެ މަގެއް ތަނަވަސް ކޮށްދިނުމުގެ ގޮތުންނެވެ.

މި ގުރޫޕްގައި، ނޯޓްސްތަކާއި ސުވާލާ ޖަވާބުގެ އިތުރުން ފިލާވަޅުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާ ކުރަމުން ގެންދާނެއެވެ. މި މަސައްކަތް ކުރަމުން ގެންދަނީ އެއްވެސް އަގެއް ނެގުމަކާއި ނުލައެވެ. މި ވައިބާ ގްރޫޕަށް ވަންނަން ބޭނުންވާ ދަރިވަރުން މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ޓީޗަރެއް ކަމަށްވާ އާލިމް މުހައްމަދު އަށް ފޭސްބުކް މެދުވެރިކޮށް މެސެޖު ކޮށްލުމުން އެ ދަރިވަރަކު އެ ގްރޫޕަށް ވަނުމުގެ ލިންކު ފޮނުވައި ދޭނެއެވެ.

ސްކޫލުތަކުގެ ކިޔެވުން މިހާރު ވަނީ މިޑްޓާމް ބަންދަށް މެދުކަނޑާލާފައެވެ. އަދި މިހާރު ރާއްޖޭގައި ކޮވިޑް19 ފެތުރެމުން ދާތީ އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ ރޭ ސަރުކާރުން ވަނީ ސްކޫލުތައް އެއް ހަފްތާއަށް ހުޅުވުން ފަސްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.