ރިސޯޓުތަކާއި ސަފާރީތަކާއި ގެސްޓުހައުސްތަކުން މީހުން މާލެ އެރުން މަނާކޮށްފި

ކްރޫޒް ލައިނާއަކުން މާލެއަށް ފޭބި ފަތުރުވެރިންތަކެއް: ފޮޓޯ / ސަން

އެކްސްކާޝަންގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީތަކާއި ގެސްޓުހައުސްތަކުން މީހުން މާލެއަށް އެރުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެއިން އެއްވެސް ތަނަކުން މާލެ ސަރަހައްދުގެ އެއްވެސް ތަނަކަށް މީހުން އައުމާއި ދިއުން މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގާ ކަމަށެވެ. އަދި އެ އެންގުމަށް އަމަލު ކުރުމަށްވެސް އެޗްޕީއޭ އިން ވަނީ ރިސޯޓުތަކާއި ގެސްޓު ހައުސްތަކާއި ސަފާރީތަކަށް އަންގާފައެވެ.

އެޗްޕީއޭ އިން ވަނީ މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ގޮވައިގެން އެކްސްކާޝަންތަކަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށް ވެސް މިރޭ އަންގާފައެވެ. އެޗްޕީއޭ އިން ބުނީ ކޮވިޑް19 އާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަންއަށް ދިއުމާއި އަދި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ރިސޯޓުތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކާޝަން އަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށް ދަންނަވާ ކަަމަށެވެ. އެ އެޖެންސީން ބުނީ އެ ބަލި ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އާއްމު ފަރުދުންނާއި ކުންފުނިތަކުންނާއި ފަތުރުވެރިންވެސް ސަމާލުވެ އެންގުންތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތުތައް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 98 މީހެއްގެ ސާމްޕަލް ނެގިފައިވާއިރު 81 ކޭސްއެއް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި އިތުރަށް ދެ ކޭސްގެ ނަތީޖާ ނުލިބޭ ކަމަށާއި ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ޓްރޭސްވި 243 މީހަކާއި ކޮންޓެކްޓް ޓްރޭސް ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ވަނީ އިއުލާން ކޮށްފައެވެ. އެކަން އިއުލާން ކުރެއްވީ ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއެވެ.

Leave a Reply

Your email address will not be published. Required fields are marked *