އަނަންތަރާ އަދި ސިކްސް ސެންސަސްއިން ބިދޭސީންތަކެއް އެކަހެރިކޮށްފި

އަނަންތަރާ -- ފޮޓޯ / އަގޯޑާ

މިހާރު ރާއްޖޭގައިވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އަނަންތަރާ އަދި ސިކްސް ސެންސަސްއިން ބިދޭސީންތަކެއް އައިސޮލޭޓްކޮށް މޮނިޓާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމުން ދެ ބިދޭސީން އައިސޮލޭޓްކޮށް މޮނިޓާ ކުރަމުން ގެންދާ ކަމަށެވެ. އެ ދެމީހުންނަކީ ރާއްޖެއަށް އެތެރެވުމުގެ ކުރީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެފައިވާ ދެމީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަނަންތަރާއިން ވެސް ކޮވިޑް19 ގެ އަލާމާތްތަކެއް ހުރި މީހަކު ފެނުމުން އޭނާގެ ސާމްޕަލްތައް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އޭނާވެސް ހޯމް އައިސޮލޭޝަންގައި ބަހައްޓާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މީގެއިތުރުންވެސް އެޗްޕީއޭއިން ވަނީ ކުރަމަތި އައިލެންޑް ރިޒޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަތުރުވެރިޔަކާ ކޮންޓެކްޓްވި ދިވެއްސެއްގެ ސާމްޕަލް ނަގާފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ މިރޭ ބުނެފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިވެއްސެއްގެ ސާމްޕަލް ނަގާފައިވާއިރު ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާ ގޭގައި އެކަހެރިކޮށްފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 8 މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓުން ހަތަރު ބިދޭސީންނާއި އަދި ސޭންޑީޒް ބަތަލާއިން ދެ މީހަކާއި ކުރަމަތިން ދެ މީހެކެވެ. މި ހުރިހާ އެންމެންނަކީވެސް ބިދޭސީންނެވެ. މި ހުރިހާ އެންމެންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.